މާތް ރަސްކަލާނގެ އިންސާނުންނާއި ޖިންނީން ހެއްދެވީ އެކަލާނގެއަަށް އަޅުކަން ކުރުމަށެވެ. އެކަލާނގެ ފަރުޟުކުރެއްވި ފަސް ނަމާދަށް ރައްކާތެރިވުމަކީ ކޮންމެ މުސްލިމަކުވެސް ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. ދުނިޔަވީ ހަޔާތާއި، އާހިރަތް ކާމިޔާބު ކުރުމުގެ ތަޅުދަނޑު އަކީ ނަމާދެވެ.

Ads by Asuru

ނަމާދު އޭގެ ވަގުތުގައި ކުރުމަކީ އެހާ މުހިންމު ކަމަކަށްވާއިރުވެސް، ފަތިސް ނަމާދަށް ނުހޭލެވިގެން، ނުވަތަ އެނޫންވެސް ކޮންމެވެސް ބަހަނާއެއްގައި ޖެހި، ނަމާދު އެޅުމަކީ ވަރަށް ދެރަ ކަމެެކެވެ. މިކަން ރަނގަޅު ކުުރުމަށްޓަކައި ބައެއް އާދަތަކަށް ބަދަލު ގެނައުމަކީ ކުރެވިދާނެ ކަމެކެވެ. އެގޮތުން މި ލިޔުމުގައި މި ހިމަނާލަނީ ފަތިސް ނަމާދަށް ހޭލުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމެވެ.

ތައުބާވުން: ތިބާ އަޅުކަމާ ދުރުވުމުގެ ސަބަބަކީ ކުރެވިފައިވާ ފާފަތައް ގިނަވުން ކަމުގައި ވެދާނެއެވެ. އެހެންވެ، އިހްލާސްތެރި ތައުބާއެއް ވުމަކީ ނަމާދުތަކަށް ފަރުވާތެރިވުމަށް ހުޅުވޭ ދޮރެކެވެ.

އަވަހަށް ނިދުން: މާ ލަހުން ނިދާނަމަ، ފަތިސް ނަމާދު ކުރަން ހޭލަން އުނދަގޫ ވުމަކީ ނުވެ ނުދާނެ ކަމެކެވެ. ރޭގަނޑުގެ ވަގުތުތައް ބޭކާރުކޮށްނުލައި، ފަތިސް ނަމާދަށް ހޭލުމަށް އެދިގެން ނިދާށެވެ. އަދި ވަގުތަށް އެލާމް ކުރާށެވެ.

ނިދުމުގެ ކުރިން ވުޟޫ ކުރުން: މިއީ މާތް ނަބިއްްޔާ(ސ.އ.ވ)ގެ ހަދީޘުން އެނގެން އޮތް ކަމެކެވެ. އެކަލޭގެފާނު ވަނީ ނިދުމުގެ ކުރިން ވުޟޫ ކުރުމަށް އިރުޝާދު ދެއްވައިފައެވެ.