ޕާކިސްތާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން، ފާއިތުވި ހަފްތާތަކުގެ ތެރޭގައި އެގައުމުގެ 30 މިލިއަން މީހުންނަށް އަސަރު ކުރިކަމަށް ކްލައިމޭޓް ޗޭންޖް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިދިޔަ މަހުން ފެށިގެން ޕާކިސްތާނަށް ބޯކޮށް ވާރޭ ވެހެމުން އަންނައިރު، މިފަހަރުގެ ވިއްސާރައިގައި އެގައުމުން 900 މީހުން ވަނީ މަރުވެފައެވެ. ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ޕާކިސްތާނުން ވަނީ ބައިނަލްއަގްވާމީ ދުނިޔޭގެ އެހީތެރިކަމަށްވެސް އެދިފައެވެ.

”އެކި ގޮތްގޮތުން، 30 މިލިއަން މީހުންނަށް ވަނީ އަސަރުކޮށްފައި. ގެދޮރު ގެއްލުނު މީހުންގެ އަދަދު ދެނެގަތުމަށް އަދިވެސް ދަނީ މަސައްކަތް ކުރެވެމުން.“ ކްލައިމެޓް މިނިސްޓަރ ޝެރީ ރަހްމާން ވިދާޅުވިއެވެ.

ޕާކިސްތާނުގައި ފެންބޮޑުވެ، އެތައްހާސް ބައެއްގެ ގެދޮރު ވަނީ ގެއްލިފައި–

ޕާކިސްތާނުގެ މިނިސްޓަރ އޮފް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް، އަހްސަން އިގްބާލްވެސް ވަނީ ވިއްސާރައިގެ އަސަރު، 30 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާ ކަމަށް ވިދާޅުވެ، މިއީ ދެކުނު އޭޝިއާގެ އާބާދީގެ 15 އިންސައްތަކަންވެސް ފާހަގަކުރައްވައިފައެވެ.

ޕާކިސްތާނަށް މިދުވަސްވަރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން، ގާތްގަނޑަަކަށް 50،000މީހުންގެ ގެދޮރު ގެއްލިފައިވާނެ ކަމަށް ބެލެެވެއެވެ. އެގައުމުގެ ޑިޒާސްޓަރ އެޖެންސީން ބުނީ މި ވިއްސާރައިގެ ސަބަބުން 184،000 މީހުން މިވަގުތު އުޅެނީ ވަގުތީ ހިޔާތަކުގައި ކަމަށެވެ.