އުރީދޫ މޯލްޑިވްސްއިން އިސްރަށްވެހިންނަށް 30 އިންސައްތަ ޑިސްކައުންޓް އަދި ވައިބާ ބޭނުންކުރަން ހިލޭ ޑޭޓާ ލިބޭ ހާއްސަ ޕޯސްޓްޕެއިޑް ޕެކޭޖެއް ތައާރަފުކޮށްފިއެވެ.

Ads by Asuru

އެކުންފުނިން އިއްޔެ ތައާރަފްކުރި ”އިސްރަހަވެހި ޕްލޭން“ އަކީ، މި އަހަރުގެ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހަށް އެކުންފުނިން ހިންގާ ހަރަކާތްތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޕޯސްޓްޕެއިޑް ޕްލޭނެކެވެ.

މި ޕްލޭނަކީ ޓެލެކޮމިއުނިކޭޝަންސް ދުވަހުގެ ޝިއާރުގައި ބާރުއަޅާފަދައިން ދޮށީ އުމުރުގެ މީހުން ވެސް ޓެކްނޮލޮޖީ ބޭނުންކުރުމަށް ހިތްވަރުދީ، ފާގަތި ދުޅަހެޔޮ ދިރުއުޅުމަކަށް އެފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތައާރަފްކުރި ޕްލޭނެއް ކަމަށް އުރީދޫއިން ބުނެއެވެ.

 

މި ޚާއްޞަ ޕެކޭޖް އިފްތިތާހުކޮށްދެއްވީ ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ.

”އުރީދޫގެ ސީނިއާ ސިޓިޒަން ”ޕޯސްޓްޕެއިޑް“ އޮފާ އާއެކު އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަކަމާއެކު ޑިޖިޓަލް ދުނިޔޭގެ ބައިވެރިވުން އިތުރު ވެގެންދިއުމަށް މަގުފަހިވެގެންދާނެ،“ މިނިސްޓަރު ވިދާޅުވިއެވެ.

އުރީދޫގެ ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ އިންޓަނެޓް މިވަނީ ވަރަށް ހަލުވިކަމާއެކު ދިރިއުޅުމުގެ އަސާސީ ބޭނުމަކަށްވެފައި ކަމަށެވެ. އަދި ޓެކްނޮލޮޖީއަށް މިހާރު އަޅުގަނޑުމެން ބަރޯސާވެފައި މިއޮތީ ހަމައެކަނި މުވާސަލާތު ކުރުމަށް އެކަންޏެއް ނޫން ކަމަށާއި މަޢުލޫމާތު ހޯދައި، އަޅުގަނޑުމެންގެ އިގްތިސާދު ކުރިއެރުވުމަށާއި، ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވެސް ޓެކްނޮލޮޖީ މުހިންމު ރޯލެއް އަދާކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުރީދޫއިން ބުނީ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން އަލަށް ތައާރަފްކުރި ޕެކޭޖް ކަމަށްވާ ”އިސްރަހަވެހިންގެ ޕެކޭޖް“ މެދުވެރިކޮށް 60 އަހަރާއި މަތީގެ ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް މަހުފީ އިން 30 އިންސައްތަ ހަމައަށް ޑިސްކައުންޓްގެ އިތުރުން އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ވައިބާ ބޭނުންކުރުމަށް ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، މި ޕެކޭޖަށް ސަބްސްކްރައިބް ކުރައްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ކްލަބް ޕްރިމިއަރ ގޯލްޑް މެމްބަރޝިޕާ އެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަގުބޫލު ބްރޭންޑްތަކާއި ވިޔަފާރިތަކުން ހާއްސަ އޮފަރތައްވެސް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.