ހަތަރު ވަނަ ދައުރުގެ ކައުންސިލްތަކަށް އެއްއަހަރު ވުން ފާހަގަކުރަމުން ދާއިރު އެންމެ ބޮޑު ހިތާމަ އަކީ މާލެ ސިޓީ ކައުންސިލަށް ބޭނުންވާ ވަރަށް މުވައްޒަފުން ނެގޭނެ އެއްވެސް ގޮތެއް ނުފެނި އެއް އަހަރު ނިންމަންޖެހުން ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

Ads by Asuru

މާލެ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަރީޝް ވިދާޅުވީ ކައުންސިލް ކައުންސިލަކަށް ހެދުމަށްޓަކައި އަދި ވަކިން ހާއްސަކޮށް ދިވެހި ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ ދެބަޔަށް ހިދުމަތްދޭ މާލެ ސިޓީ ކައުންސިލްގެ ހިދުމަތްތައް ރައްޔިތުންނަށް އެންމެ ފުރިހަމައަށް ފޯރު ކޮށްދިނުމަށްޓަކައި އެކަށީގެންވާވަރަށް މުވައްޒަފުން މާލެ ސިޓީ ކައުންސިލަށް ބޭނުންވާ ކަމަށެވެ.

މިއާއިއެކު މި ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ލިބެންޖެހޭ އެއްބާރުލުން މިއަދާއި ހަމަޔަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުލިބި އޮތުމުން ރައްޔިތުންނަށް ދިނުމަށް އަމާޒު ހިފި ބައެއް ޚިދުމަތްތައް ދިނުމުގައި ދަތިތައް ކުރިމަތިވެގެން ދިޔަ ކަމަށް ނަރީޝް ގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކަށްވީ އޮނިގަނޑުގައިވާ ގޮތަށް މުވައްޒަފުން ނެގޭނެ އެއްވެސް ގޮތެއް ނުފެނި އެއްއަހަރު ފާހަގަކުރަން ޖެހުން ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް އިތުރަށް ވިދާޅުވީ އުންމީދުކުރެވެނީ ކުރިއަށް އޮތް އަހަރަކީ މިފަދަ ކަންކަން ހަމަޖެހޭނެ އުސޫލެއް ދައުލަތުގެ މުއައްސަސާތަކުން ދައްކާނެ އަހަރަކަށް ވެގެން ދިއުން ކަމަށެވެ.