މިއީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ދުވަސްވަރެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވެފައިވަނީ އެމްއޯސީގެ ޗައިލްޑް ސޭފްގާޑިން ޕޮލިސީ ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައެވެ.

 

ރައީސް ވަނީ ރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލާއިރު، ޢާންމު މުޖުތަމަޢުން އެކަހެރިވެ، ކުށުގެ ވެށްޓާ ލާމެހިފައިވާ ކުދިންތަކެއް، މަދުން ނަމަވެސް އަޅުގަނޑުމެންގެ މުޖުތަމައުގައި އުޅޭކަން ފާހަގަކުރައްވައިފައެވެ.

ހަމައެފަދައިން، މައިންބަފައިންގެ ލޯތްބަށް އެންމެ ބޭނުންޖެހޭ ޢުމުރުފުރާގެ ކުދިން ވެސް، އެ ލޯބިން މަޙްރޫމްވެ، ދައުލަތުގެ ބެލުމުގެ ދަށުގައި ވެސް އެބަތިބި ކަމަށް ވިދާޅުވިއެވެ.

”މިފަދަ ކޮންމެ ޙާލަތަކީ، އެކުދިންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ހުރަސްއެޅޭ ހާލަތެއް. އަދި އެކުދިންނަށް ލިބެންވާ ހަގީގީ ހިމާޔަތާއި ރައްކާތެރިކަން ލިބުމަށް ވެސް ހުރަސްތައް ކުރިމަތިވާ ހާލަތްތަކެއް. އެ ހާލަތުގައި އެ ކުދިން ހޭދަކުރާ ކޮންމެ ދުވަހަކީ، އެކަނިވެރިކަމާއި އެކަހެރިކަމުގެ އޮއިވަރުގައި އެ ކުދިން ޖެހެމުންދާނެ ދުވަހެއް.“ ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އިފްތިތާހު ކުރެވިގެން މިދިޔައީ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި، އާކްއަށް ޝުކުރު އަދާ ކުރެއްވިއެވެ.