އިސްރާއިލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އެގައުމުގެ ސިފައިން އަލްޖަޒިރާގެ ނޫސްވެރިއެއް ކަމަށްވާ ޝީރީން އަބޫ އަޚްލީހްގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.
އަލްޖަޒީރާގެ ނޫސްވެރިން ބުނި ގޮތުގައި، ޝީރީންގެ ގަޔަށް ބަޑި ޖެހީ ހުޅަނގު އައްސޭރީގެ ޖެނީން ސިޓީގައި އިސްރާއިލުން ހިންގި އޮޕަރޭޝަންތައް ލައިވްކޮށް ކަވަރު ކުރަމުންދަނިކޮށެވެ. އޭގެ ސަބަބުން އޭނާގެ ހާލު ސީރިއަސްވެ، ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާއި އަލްޖަޒީރާގެ ނޫސްވެރިން ބުންޏެވެ.
އެހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުނުވި ނަމަވެސް އެ ހާދިސާ ހިނގި ވަަގުތު ނަގާފައިވާ ވީޑިއޯތަކުން ޝީރީންގެ ބޮލަށް ބަޑި ޖަހާ މަންޒަރު ފެންނަ ކަމަށް އަލްޖަޒީރާގެ ނޫސްވެރިއެއް ކަމަށްވާ ނިދާ އިބްރާހީމް ބުންޏެވެ.
”މިވަގުތު އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ ޝީރީން މަރުވިކަން ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އިއުލާނުކުރިކަން. ޝީރީންއާ އެކު މަސައްކަތް ކުރަމުން އަންނަ ގިނަ ނޫސްވެރިންނަށް މިކަމުގެ ސަބަބުން ބޮޑު ޝޮކެއް ލިބުނު،“ ނިދާ ބުންޏެވެ.
ނިދާ ބުނި ގޮތުގައި ޝީރީންއަކީ ގިނަ ބައެއްގެ އިޙްތިރާމާއި ލޯބި ލިބިފައިވާ ނޫސްވެރިއެކެވެ.
ޝީރީން އަކީ 2000 ވަނަ އަހަރު ފަލަސްތީނުގެ ދެވަނަ އިންތިފާޟާ ފެށުނީއްސުރެ އަލްޖަޒީރާގައި މަސައްކަތް ކުރަމުން ދިޔަ ނޫސްވެެރިއެއް ކަމަށް އެ ނޫހުގައިވެއެވެ.