ޔޫކޭގެ އިތުރުން ބޭރުގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުން އަންނަ ”މަންކީ ޕޮކްސް“ އަކީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި ބޮޑަށް ފެތުރޭ ބައްޔެއްކަން ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

Ads by Asuru

ޔޫކޭގެ ލަންޑަނުން މިހާތަނަށް މިބަލީގެ 20 ކޭސް ފެނުނުއިރު، އޭގެތެރެއިން އެންމެ ގިނައީ އެއްޖިންސުން ގުޅުން ހިންގާ މީހުން ކަމަށް ބީބީސީއިން ރިޕޯޓް ކުރެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ ޑަބްލިޔުއެޗްއޯއިން ބުނީ މިހާތަނަށް 12 ގައުމަކުން މަންކީ ޕޮކްސްގެ 80 ކޭސް ފެނިފައިވާ ކަމަށެވެ. މި ބަލި ފެނުނު ގައުމުތަކުގެ ތެރޭގައި އިޓަލީ، ސްވިޑަން، ސްޕެއިން، ޕޯޗުގަލް، އެމެރިކާ، ކެނެޑާ އަދި ޔޫކޭ ހިމެނެއެވެ.

ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި، މަންކީ ޕޮކްސް ކަމަށް ޝައްކު ކުރެވޭ 50 ކޭހެއް އަންނަނީ ބަލަމުންނެވެ.

މިއީ އެހާ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. އެހެންނަމަވެސް މިބަލީގެ ސަބަބުން ނަގާ ފޮޅުތަކުގައި އަތްލުން، ބަލި ޖެހިފައިވާ މީހެއްގެ ކުޅުގެ އަަސަރު ކުރުން، އަދި އެފަދަ މީހެއް ބޭނުންކޮށްފައިވާ ތަކެތި ބޭނުންކޮށްފިނަމަ، މި ބައްޔަށް ހުށަހެޅިދާނެއެވެ.

މަންކީ ޕޮކްސްގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ބޮލުގައި ރިހުމާއި، ގައިގައި ރިހުމާއި، ވަރުބަލިވުން ހިމެނެއެވެ. މި ބަލީގެ އަސަރު ކޮށްފިނަމަ، އަލާމާތްތައް ފެންނަނީ، ފަސް ދުވަހާއި، 21 ދުވަހުގެ ތެރޭގައެވެ.