ސްރީ ލަންކާގެ ބޮޑުވަޒީރުގެ މަގާމުން މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސަ ސިފައިންގެ ހިމާޔަތުގައި ކޮންމެވެސް ތަނެއްގައި ބަހައްޓާފައި ހުރި އިރު، އޭނާ ހޯދުމަށް އާންމުންގެ ބައެއް މީހުން ނުކުންނަން ފަށައިފި އެވެ.

Ads by Asuru

އަމިއްލަ ގެކޮޅަށް ވަޑައިގަންނަވާނެ ފުރުސަތެއް ނުލިބުމުން، އިސްތިއުފާ އަށް ފަހު ވެސް، ރާޖަޕަކްސަ ހޯމަ ދުވަހު ހުންނެވީ ގޯލް ފޭސްގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމަށްވާ ޓެމްޕަލް ޓްރީގަ އެވެ. އެ ތަނުގައި ރާޖަޕަކްސަ ހުންނެވިކަން، މުޒާހަރާގެ ބައިވެރިންނަށް އެނގުމާ ގުޅިގެން، އެތައް ހާސް މީހުންނެއް އެ ގެކޮޅު ކައިރިއަށް އެއްވެ ރާޖަޕަކްސަ އެތަނުން ނެރުމަށް ގޮވަމުން ދިޔަ އެވެ.

އެންމެ ފަހުން ފުލުހުންގެ ސަފުތައް ފޫއަޅުވައިލުމަށް ފަހު، މުޒާހަރާގެ ބައިވެރިން ޓެމްޕަލް ޓްރީގެ މައި ދޮރޯށިން އެތެރެ އަށް ވަދެގަތުމުން، ސިފައިން ވަނީ ހަތިޔާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިން އިތުރަށް ކުރިއަށް ޖެހުނަ ނުދީ މައިތިރިކޮށްފަ އެވެ.