...
Advertisement
އައިޓީއެފްސީގެ މެމްބަރު ގައުމަކަށް ވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދީފި

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) ގްރޫޕްގައި ހިމެނޭ އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ)ގެ މެންބަރު ޤައުމަކަށް ދިވެހިރާއްޖެވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

Ads by Asuru

ރައީސް ސޯލިހު މި ގޮތަށް ނިންމަވާފައިވަނީ، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

އައި.ޓީ.އެފް.ސީ އަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ މެންބަރު ޤައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއެރުވުމުގެ ތެރެއިން އެ ޤައުމުތަކުގެ ރައްޔިތުންގެ އިޤްތިޞާދީ އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމަށް މަގުފަހިކުރުމަށް އުފައްދާފައިވާ ކޯޕަރޭޝަނެކެވެ.

އައި.ޓީ.އެފް.ސީގެ މެންބަރު ޤައުމަކަށް ރާއްޖެވުމުން ލިބޭނެ ފައިދާތަކުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް އެހީލިބުމާއި، އޯއައިސީގެ މެންބަރު ޤައުމުތަކުގެ މެދުގައި އިންޓްރާ-ޓްރޭޑްގެ ފުރުޞަތުތައް ތަނަވަސްވުމާއި، ޢާންމު އަދި އަމިއްލަ ވިޔަފާރިތަކަށް ޓްރޭޑް ޕޮލިސީތަކާ ބެހޭގޮތުންނާއި ޢަމަލުކުރާ ގޮތްތަކާ ގުޅޭގޮތުން ލަފާ ލިބުން ހިމެނެއެވެ.

މީގެ އިތުރުން މެންބަރު ޤައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރި މުޢާމަލާތްތަކުގައި ލެޓަރ އޮފް ކްރެޑިޓް ފޯރުކޮށްދިނުމާއި ޢާންމު ރޭޓްތަކަށްވުރެ އަގުހެޔޮކޮށް މުދާ އިންޕޯޓްކުރަން މަގުފަހިވުމާއި، ޢާންމު އަދި އަމިއްލަ ވިޔަފާރިތަކަށް ޢާންމު އަގުތަކަށްވުރެ ހެޔޮ އަގުގައި ފައިނޭންސް ލިބުން ހިމެނެއެވެ.

އައި.ޓީ.އެފް.ސީގެ މެންބަރު ޤައުމަކަށް ރާއްޖެ މިހާތަނަށް ވެފައި ނެތްނަމަވެސް 2005 ވަނަ އަހަރުން ފެށިގެން އައި.ޓީ.އެފް.ސީގެ އެހީ ރާއްޖެއަށް ލިބެމުންދެއެވެ. އެގޮތުން ރާއްޖެއަށް ފުރަތަމަ އައިޓީއެފްސީގެ އެހީތެރިކަން ލިބިފައި ވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާ ގުޅިގެން ރާއްޖެއަށް އައި.އެސް.ޑީ.ބީ ގުރޫޕުން ލިބުނު އެހީގެ ގޮތުގައެވެ.

އޭގެ ފަހުން މިއަހަރާ ހަމައަށް 10 ފަހަރެއްގެ މަތިން ޓްރޭޑް ފައިނޭންސިންގ އެހީ ރާއްޖެއަށް ލިބިފައިވެއެވެ. އެންމެފަހުން އައި.ޓީ.އެފް.ސީގެ އެހީ ރާއްޖެއަށް ލިބިފައި ވަނީ ކޮވިޑް ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު އެސްޓީއޯއަށް ކާބޯތަކެއްޗާއި ޞިއްޙީ ދާއިރާއަށް ބޭނުންވާ އެކި އާލާތްތައް ގަތުމަށް 15 މިލިއަން ޑޮލަރުގެ ޓްރޭޑް ފެސިލިޓީއަކާއި 2021 ވަނަ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ލިބުނު މާލީ ގެއްލުންތަކުން އަރައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލިބުނު 5 މިލިއަން ޑޮލަރުގެ އެހީއެވެ.

Ads by ooredoo maldives