ކާއްޓަކީ ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރެވޭ އެއްޗެކެވެ.

Ads by Asuru

ތަފާތު ކާއެއްޗެތި ތައްޔާރު ކުރުމުގައި ކާށިހުނި، ކާށިކިރު، ކާށިތެޔޮ، ފަދަ ބައިތައް ބޭނުން ކުރެވެއެވެ.

ދިވެހި ރުކުގެ އެތުގައި އަޅާ މާތައް ބޮޑުވެ، ގޮބޮޅި، މިރި އަށްވެ، ކިހާއް، ކުރުނބާ، އަދި ގަބުޅިއަށްފަހު އެންމެ ފަހު މަރުހަލާ އަކީ ފުރިހަމަ ކާއްޓަކަށް އެ ބަދަލުވުމެވެ.

ކާށި ބޭނުންކުރެވޭ ބީދައިން ގަބުޅި އަކީ ވެސް ވަރަށް ގިނައިން ކާތަކެތި ތައްޔާރު ކުރުމުގައި ބޭނުންކުރެވޭ އެއްޗެކެވެ. ގަބުޅީގެ ކުރިން ކުރުނބާގެ ގޮތުގައި ހުންނައިރު އޭގެ ފެން އެއީ ހަށިގަނޑަށް ވަރަށް ފައިދާހުރި އަދި ވަރަށް ގިނައިން ބޭނުންކުރެވޭ މީރު ބުއިމެއްކަމަށް ވަނީ ބެލެވިފައެވެ.

ކުރުނބާ: ކުރުނބާގެ 95 އިންސައްތަ އަކީ ފެނެވެ. ނުވަތަ ކުރުނބާ ފެނެވެ. ކުރުނބާ ފެނުގައި އެކުލެވޭ ތަފާތު މުހިއްމު ކާނާގެ ބައިތަކުގެ ސަބަބުން ކުރުނބާ ފެނަކީ އެންމެ ސިއްހަތަށް ފައިދާހުރި އެއްބުއިން ކަމުގައިވަނީ ބެލެވިފައެވެ.

އަދި ހާއްސަކޮށް ބޭރަށްހިންގުން ފަދަ ބަލިތައް ޖެހިގެންއުޅޭ ދުވަސްވަރު ހަށިގަނޑުން ބޭރުވެގެންދާ ފެނުގެ ސަބަބުން ހަމަހަމަކަން ގެއްލިގެންދާ ލޮނުގެ ބައި ހަމައަކަށް އަޅުވާލުމަށް މިއީ ވަރަށް ބޭނުންތެރި ރަގަޅު ފެނެކެވެ. ކުރުނބާގެ މަރުހަލާގައި އެތެރޭގައި ކާން އެންމެ ހެޔޮވަރު މިންވަރުގެ ހެވާ ހުންނާނެ އެވެ. ސަމުސަލެއް ފަދަ އެއްޗަކުން ކަހާލައިގެން މިހެވާ ކާން ބޭނުން ކުރެވިދާނެ އެވެ. އަދި މިއީ ވެސް ރަހަމީރު އެއްޗެކެވެ.

ގަބުޅި: ގަބުޅި އަކީ ކާއްޓާއި ކުރުނބާ އާއި ދެމެދުގެ މަރުހަލާއެވެ. މިމަރުހަލާގައި އެތެރޭގައި ހުންނަ ހެވާތައް ހުންނާނީ ކޮންމެ ވެސް ވަރަކަށް ހަރުވެފައެވެ. އެތެރޭގައި ހުންނަ ފެން ވެސް ބޯން ބޭނުންކުރެވޭނެ އެވެ. ނަމަވެސް ކުރުނބާ ފެނަށްވުރެ ރަހަޔަށްވުރެ ތަންކޮޅެއް ރަހަ މަޑުވާނެއެވެ. ކާށި ގާނާހެން ހުނިގޮޑީގެ އެހީގައި ގަބުޅި ވެސް ގޭނިދާނެއެވެ. މީގައި ކުރުނބާގައި ހުންނަވަރަށްވުރެ ފެން މަދުވާނެ އެވެ. އެކަމަކު ކާއްޓަށްވުރެ ފެންގިނަވާނެއެވެ. އަދި ފެނުގައި ކިރުކުލައެއް ނުވަތަ ކިރު ކަހަލަ ގޮތެއް ހުންނާނެ އެވެ. ގަބުޅީގައި ކާބޯހައިޑްރޭޓް، ޕްރޮޓީން، ފޮސްފަރަސް، ވިޓަމިން ސީ، ވިޓަމިން އޭ، ވިޓަމިން ބީ ކާއްޓާއި ކުރުނބަޔަށްވުރެ ގިނަވާނެއެވެ.

ކާށި: ކާށީގައި ފެން ހުންނާނީ ވަރަށް މަދުންނެވެ. އެތެރޭގެ ހެވާ ގަނޑު ހުންނާނީ އެއްކޮށް ހަރުވެފައެވެ. ހުނިގޮޑިން ގާނާލައިގެން ބޭނުން ކުރެވޭނެއެވެ. އަދި ވަޅިން ކާށި އުކުރައިގެން ވެސް ބޭނުން ކުރެވޭނެއެވެ. ބުނެވޭގޮތުގައި ކާށި ގިނައިން ކެއުމަކީ ކޮލެސްޓްރޯލްގެ މިންވަރު މައްޗަށްދާ ކަމެކެވެ. އަދި ކާއްޓަކީ ހަޖަމުކުރަން އުދަގޫ އެއްޗެއް ކަމަށް ވެއެވެ. މިހެންވުމުން ހަޖަމުކުރުމުގެ މައްސަލަތައް ހުންނަ މީހުން ކާށި ކެއުން ރަނގަޅު ނޫންކަމަށް ބުނެއެވެ.