ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާއި ބައެއް ޖޫނިއަރ ޓެނިސް ކުޅުންތެރިންނާ ބައްދަލުކުރައްވައިފިއެވެ.

Ads by Asuru

މި ބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައިވަނީ އިއްޔެ މެންދުރު ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ޖޫނިއަރ ޓެނިސް ކުޅުންތެރިން އެކިއެކި މުބާރާތްތަކުގައި ދައްކަމުންދާ މޮޅު ކުޅުން ފާހަގަކުރައްވާފައެވެ.

އަދި އެ މުބާރާތްތަކުގައި ކުޅުންތެރިން ހޯދާފައިވާ ފަހުރުވެރި ވަނަތަކަށްޓަކައި އެ މަނިކުފާނު ވަނީ އެ ކުޅުންތެރިންނަށް މަރުހަބާ ދަންނަވާ، އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރުދެއްވާފައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި ކުޅުންތެރިން މިހާ ޅައުމުރެއްގައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދީ މިފަދަ މަތީ ވަނަތަކަށް ވާސިލްވުމުގައި އެ ކުޅުންތެރިންގެ މައިންބަފައިން އަދާކުރައްވާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާލައްވާ، އެކަމަށްޓަކައި އެ ފަރާތްތަކަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޭފުޅުން ވަނީ ރާއްޖޭގައި ޓެނިސް ކުރިއެރުވުމަށް ހުރި ހުރަސްތައް ފާހަގަކުރައްވާ އެކަންކަމަށް ހައްލު ހޯދުމަށްޓަކައި އެސޯސިއޭޝަންގެ ފަރާތުން ކުރައްވަމުންގެންދަވާ މަސައްކަތުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ.

އަދި ޓެނިސް ކުރިއެރުވުމަށް ހުރި ބައެއް ގޮންޖެހުންތައް ފާހަގަކުރައްވާ އެކަންކަމުގެ މަޢުލޫމާތު އެ އެސޯސިއޭޝަނުން ވަނީ ރައީސްއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ޓެނިސް އެސޯސިއޭޝަނަށާއި ޓެނިސް ކުޅޭ ކުޅުންތެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލުހޯދުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.