ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ގައުމީ ސަލާމަތަށް ނުރައްކަވާ ކަމެއް ކަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.

Ads by Asuru

ރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ“ ބިލުގެ ނަމުގައި ތައްޔާރުކޮށްފައިވާ މި ބިލު މަޖިލީހަށް ފޮނުއްވާފައިވަނީ ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އުމަރެވެ.

އެ ބިލުގައި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަންކަމުގެ ތެރޭގައި ވަނީ ރައްޔިތުންގެ މަޖިލީހުން ރުހުންދޭ މުއްދަތެއްގައި މެނުއީ، ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ނުވަތަ އަސްކަރީ ބަޔަކު ރާއްޖޭގައި ތިބުމާއި ބޭރު ގައުމެއްގެ ސިޔާސީ ނުވަތަ އިޤްތިޞާދީ ނުވަތަ ޢަސްކަރީ ބާރުގެ ދަށަށް ނުވަތަ ނުފޫޒުގެ ދަށަށް ރާއްޖޭގެ ސިޔާދަތީ ބާރުތައް ދިއުން ނުވަތަ މިނިވަންކަން ގެއްލުމަކީ ވެސް ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ހިމަނާފައިވެއެވެ.

ބިލުގައިވާ ގޮތުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވާނެކަމަށް ބެލެވޭ މަޢުލޫމާތު ދިނުން ނުވަތަ ސިއްރިއްޔާތުގައި އެފަދަ މަޢުލޫމާތު ހޯދުން ނުވަތަ ހޯދަން މަސައްކަތް ކުރުން އަދި އެއްވެސް މީހަކު ނުވަތަ ބަޔަކު ރާއްޖެއާ ދެކޮޅަށް ޖާސޫސް ކުރުމަކީ ވެސް ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެކެވެ.

މީގެއިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުފަދަ އިންތިހާބުތަކުގެ ނަތީޖާ އޮޅުވާލުން ނުވަތަ ނަތީޖާއާމެދު ޝައްކު އުފެދޭ ޙާލަތެއް މެދުވެރިވުމަކީ ވެސް ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އަދި ގައުމީ ސަލާމަތަށް އުނިކަމެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަކާ ބެހޭގޮތުން މީޑިއާއިން މަޢުލޫމާތު ހޯދުމަކީ ޖާސޫސްކުރުން ކަމުގައި ނުބެލެވޭނެ ކަމަށްވެސް ބިލުގައިވެއެވެ.

ރައްޔިތުންނަށް ލިބިދޭ ގާނޫނީ ހައްގުތައް ބޭނުންކޮށްގެން އެކި ކަންކަމަށް ތާއީދު ކުރުމަށް ނުވަތަ އިންކާރު ކުރުމަށް ނުވަތަ އިހުތިޖާޖުކުރުމަށް، ގާނޫނުތަކާ ހިލާފުނުވެ ހިންގާ ސުލްހަވެރި ހަރަކާތްތައް ގައުމީ ސަލާމަތަށް ނުރައްކާވުމުގެ ތެރެއިންވެސް އިސްތިސްނާވާނެ ކަމަށް ބުނެފައިވެެެއެވެ.

މިފަދަ ބިލެއް، ކުރީގެ ޑިފެންސް މިނިސްޓަރު މަޖިލީހަށް ފޮނުއްވިއިރު، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބޭ މައްސަލައިގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.