އަންނަ އަހަރުގެ ރިޔާސީ އިންތިހާބުކޮށް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)އިން މި ގައުމު އަޅުވެތިކަމުން ސަލާމަތް ކުރާނެ ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު، އަދި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސިއްދީގު ވިދާޅުވީ ރާއްޖޭގެ ސިޔާދަތީ ބާރުވެރިކަން އަނބުރާ ދިވެހީންނަށް ހޯދައިދޭނެ ބަޔަކީ ޕީޕީއެމް ކަަމަށާއި، އެޕާޓީން މިކަން ކުރާނީ، 2023 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކޮށްގެން ކަމަށެވެ.

”ރާއްޖެ މިހާރު މިއޮތް އިގްތިސާދީ އަނދަވަޅުން، އިރާދަކުރެއްވިއްޔާ، ރައީސް ޔާމީންގެ ވެރިކަމުގައި، އަޅުގަނޑުމެންގެ ޕީޕީއެމްގެ ވެރިކަމެއްގައި، މިގައުމު އަނެއްކާވެސް، ކުރިން އޮތް އުސްމިނަށް ގެންދިޔުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން.“

ސިއްދީގުގެ ވާހަކައިގައި ރައީސް ސޯލިހުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމަނިކުފާނަކީ ވެރިކަން ކުރެއްވުމަށް ގާބިލު ބޭފުޅެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނަކީ ސަރުކާރަކީ، އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ(ބީޖޭޕީ)ގެ ގޮނޑި ކޮއްކޮ ސަރުކާރެއްގެ ގޮތުގައި ސިއްދީގު ވަނީ ސިފަކުރައްވައިފައެވެ.

އޭނާ ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ކެމްޕެއިން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ކުރާ މަސައްތަކަށްވެސް ފާޑުވިދާޅުވެފައެވެ.

އެ ކެމްޕެއިން ހުއްޓުވުމަށް ރައީސް ސޯލިހު ނެރުއްވި ގަރާރަކީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަ ގަރާރެއްކަން ފާހަގަކުރައްވައި، ސަލާމަތީ ބާރުތަކުން އެ ގަރާރަށް އަމަލު ކުރަމުންދާތީވެސް ސިއްދީގު ކަންބޮޑުވުންފާޅު ކުރެއްވިއެވެ.

ސިއްދީގު ވިދާޅުވީ، ސަލާމަތީ ބާރުތަކުން ރައްޔިތުންނަށް ހިމާޔަތް ދޭން ޖެހޭއިރު، ބަދަލުގައި ކުރަމުންދަނީ އަނިޔާ ކަމަށެވެ.

”ރައްޔިތުންގެ މުދާ ހިމާޔަތެއް ނޫން، ދިވެހި ފުލުހުން މިއަދު ކުރަނީ. ރައްޔިތުންގެ މުދާ ފޭރެމުންދަނީ. ރައްޔިތުންގެ މިނިވަންކަން ހިމާޔަތެއް ނޫން ކޮށްދެނީ. ލަޓިބުރިއާއި ޓިއަރ ގޭސް ބޭނުންކޮށްގެން މިނިވަންކަން ނިގުޅައިގަންނަމުންދަނީ.“