ރާއްޖޭގައި މަސައްކަތްތެރިންގެ ގޮތުގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ އާއި ތިލަފުށި ގުޅާލުމަށް އަޅާ ބްރިޖު ހެދުމުގެ ނަމުގައި އުޅެނީ އިންޑިއާ ސިފައިން އެތެރެކުރަން ކަމަށެެވެ.

ބްރިޖް މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރ އިން  ބުނިގޮތުގައި ބްރިޖް މަޝްރޫއުގެ މަސައްކަތުގައި މިވަގުތު 585 މީހުންގެ ޓީމެއް ހަރަކާތްތެރިވާއިރު ކުރިއަށް އޮތް ހަތަރު މަސްތެރޭގައި އެ އަދަދު 900 އަށް އިތުރުކުރާނެއެވެ.

އެކަމާ ގުޅިގެން ޝިޔާމް ވިދާޅުވީ އެ ކުންފުނިން އުޅެނީ އިންތިހާބުގެ ކުރިން ބްރިޖުގެ މަސައްކަތް ނިންމުމުގެ ނަމުގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން އެ ޕްރޮޖެކްޓް ކޯޓާގެ ތެރެއިން ރާއްޖެ އެތެރެ ކުރަން ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ކެމްޕެއިން ހުއްޓުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.