އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާނު ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތައް އަދާލާތު ޕާޓީއާއި ޖުމްހޫރީ ޕާޓީން ކުށްވެރިކޮށްފިއެވެ.

Ads by Asuru

މިކަމާ ގުޅިގެން އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ބީޖޭޕީގެ ތަރުޖަމާނު ރަސޫލާގެ ކައިވެނިފުޅުތަކާ ބެހޭ ގޮތުން ދައްކާފައި ވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

އަދި އެކަލޭގެފާނުގެ ޝަހުސިއްޔަތަށް ބަދުބަސް ބުނެ، ތައުހީނުކޮށް އަވައްޓެރި އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ އިސް ތަރުޖަމާނު ދެއްކި ވާހަކަތަކަކީ މުޅި އިސްލާމީ އުއްމަތާ ދެކޮޅަށް ދެއްވި ވާހަކަތަކެއް ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި މުސްލިމުންގެ ލޯތްބާއި ޣައިރުމުސްލިމުންގެ ލޯބި ވެސް ލިބިފައިވާ ޝަޚުސިއްޔަތަށް ބަދުބަސް ބުނުމަކީ އެއްވެސް މުސްލިމަކު ތަހަންމަލުކުރާނެ ކަމެއް ނޫން ކަމަށާއި، އެ ޕާޓީން ބުނީ ބައެއް މީހުން ނުރުހުނަސް ދުވަހުން ދުވަހަށް ކީރިތި ރަސޫލާގެ ޝަޚުސިއްޔަތުން ނަމޫނާ ލިބިގަންނަ ޣައިރު މުސްލިމުން ގިނަވާ ކަމަށެވެ.

ޖޭޕީގެ ފަރާތުން އެޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް ވިދާޅުވެފައިވަނީ، ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކަތަކުގެ ސަބަބުން ދުނިޔޭގެ އެތައް ބިލިއަން މުސްލިމުންނަށް އަސަރުކޮށްފައިވާ ކަމަށެވެ. ގާސިމް އިނގެރޭސި ބަހުން ކުރެއްވި ޓްވީޓުގައި ވަނީ ތަރުޖަމާނު ދެއްކެވި ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފައެވެ.