މޭކަޕް ކުރުމަކީވެސް ފާޑެއްގެ ”އާޓް“ އެކެވެ. އެކި މުނާސަބަތުތަކާއި ގުޅޭގޮތަށް އެކި ”ލުކްސް“ އެކި މީހުންނަށް ގެނެސްދެވެނީ، މޭކްއަޕް އާޓިސްޓުންގެ ހުނަރުންނެވެ.

Ads by Asuru

ކައިވެންޏަށް ތައްޔާރު ވުމާއި، ކައިވެނި ހަފްލާތަކާއި، ގްރެޖުއޭޝަނާއި، އެކި ކަހަލަ ޕާޓީތަކަށް މޭކަޕް ކޮށްނުލައި ދާ މީހަކު މިހާރު ވަރަށް މަދު ވާނެެއެވެ. އަމިއްލައަށް މިކަން ކުރަން އުޅުމަށްވުރެ، ”ޕްރޮފެޝަނަލް“އެއްގެ އެހީ ހޯދުމަކީ، މިހާރު ނިކަން ފަސޭހަ ކަމެކެވެ. އެކަމަކު، ކޮންމެ ކޮންމެ މީހަކަށް ތިބާ އެދޭ ގޮތަށް މޭކަޕް ކުރަން ނޭނގިދާނެއެވެ.

ފާތިމަތު މުހައްމަދު(ތާތު) އަކީ ވެސް، އޭނާގެ ބަހުންނަމަ، އަބަދުވެސް ވަރަށް ”މޭކަޕް“ މީހެކެވެ. މޭކަޕް ނުކުރާ، ނުވަތަ، ނުކޮށްދޭ ހަނދާނެއް އޭނާ ނުހުރެއެވެ.

ތާތު މިކަމެއް ފެށީ ވަރަށް ޅަ އުމުރުގައެވެ. ހަނދާން ހުންނަން ފެށީއްސުރެވެސް، މޭކަޕް ސެޓެއް ފެނިއްޖެނަމަ، ތާތުއަކަށް މަޑަކުން ނުހުރެވޭނެއެވެ. މޭކަޕް ކޮށްލައި، ރީތި ވެލާ ހިތްވެއެވެ.

ހިދުމަތްތެރިއެއްގެ ގޮތުގައި، މޭކަޕްގެ ދުނިޔެއަށް

ތާތު އެންމެ ފުރަތަމަ ގާާތް މީހުންގެ މޭކަޕް ކޮށްދެމުން އައީ ވަޒީފާގައި އުޅެމުން ”ހޮބީ“އެއްގެ ގޮތުގައެވެ. އެއްވެސް ގޮތަކަށް މިކަން ދަސްކޮށްގެނެއް ނޫނެވެ. ހުންނަ ޝައުގެއްގެ ބޮޑުކަމުން، އެހެން ކުދިން މޭކަޕް ކޮށްލައިދީ، ރީތިކޮށްދޭ ހިތްވަނީއެވެ.

ވަޒީފާއިން ވަކިވެ، އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ތާތު މޭކަޕްގެ ދުނިޔެއަށް ވަނީ، 2015 ވަނަ އަހަރުގައެވެ. 2016 ވަނަ އަހަރުގައި އޭނާ ވަނީ، މޭކަޕް ކުރުމާއި ގުޅޭ ކޯހެއްވެސް ފުރިހަމަކޮށްފައެވެ.

ވިޔަފާރި ފެށުމަށްޓަކައި ގޭގައި ޖާގަ ހަދައި، މަސައްކަތަށް ބޭނުންވާ ސާމާނު ހޯދައިދޭން ތާތުއަށް އެހީވީ، އޭނާގެ ފިރިމީހާއެވެ.

ކްލައިންޓުންނަށް ތާތު ހިދުމަތް ދެނީ ވެސް، ފިރިމީހާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންނެވެ.

”މޭކަޕް ކުރަނީ ލިވިންރޫމްގަ. ދެން ސްޕޭސް ބޭނުންވާނެތާ، ހަޒްބަންޑް ހަމަ ޓައިމް ދޭނެ، އޮފީހުގަ މަޑުކޮށް، ނޫނީ ކޮފީއެއްގަ ވިޔަސް.“

ތާތުގެ މޭކަޕެއް– ފޮޓޯ/ ވިންކްއަޕިކް

 

މޭކަޕަކީ ޒީނަތްތެރިވުމާއި ގުޅިފައިވާ ކަމަކަށްވާއިރު، ހިޖާބު އަޅާގޮތާއި ވެސް މިކަން އޮންނަނީ ގުޅިފައެވެ. އެހެންވެ، ތާތު އޭނާގެ ކްލައިންޓުންނަށް، ހިޖާބު ވެސް ސްޓައިލް ކޮށްދެއެވެ.

 

ތާތު ކްލައިންޓަކަށް ހިދުމަތް ދެނީ– ފޮޓޯ/ ޒިޕޯ ފޮޓޯގްރަފަރ

 

ކްލައިންޓުންގެ ފަރާތުން މުޅިންވެސް ރަނގަޅު ފީޑްބެކް

ތާތުގެ ކްލައިންޓުން އޭނާގެ ހިދުމަތް ގިނަ ފަހަރު ހޯދަނީ، ”ގްލެމް“ ލުކްއެއް ބޭނުންވެގެންނެވެ. މި ޖަލްޕަރީ ލުކް ގެނެސްދިނުމަށް ތާތު ނިކަން ކުޅަދާނައެވެ. ”މޭކަޕް ބައި ތާތު“ މި އިންސްޓެގްރާމް ޕޭޖުން ތާތުގެ މަސައްކަތް ފެންނާނެއެވެ.

ވަރަށް މަދު ފަހަރެއްގައި ނޫނީ، ތާތުގެ ކްލައިންޓުންގެ ފަރާތުން ނެގެޓިވް ފީޑްބެކެއް ނުލިބެއެވެ. އެފަދަ ކޮމެންޓެއް ލިބުނަސް، ތާތު އެކަން ބަލައިގަނެ، އިތުރަށް ރަނގަޅު ކޮށްލަން މަސައްކަތް ކުރެއެވެ. އޭނާ ކައިރިން މޭކަޕް ކުރާ މީހުން ދަނީ ހިދުމަތާމެދު ހިތްހަމަޖެހިގެންނެވެ.

ތާތުގެ މޭކަޕެއް– ފޮޓޯ/ ‏ވިންކްއަޕިކް

 

މޭކަޕް ކޮށްދޭއިރު، އެންމެ އިސްކަން ދެނީ؟

ތާތު ބުނާގޮތުގައި، އޭނާ މި މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ސާފުތާހިރު ކަމަށެވެ. އެއް ކަސްޓަމަރެއްގެ މޫނުގައި ހާކާ ފިހި، އަނެއް ކަސްޓަމަރުގެ މޫނުގައި، ނުދޮވެ ހާކާނަމަ، އެއީ ސިއްހީ ގޮތުން މައްސަލަތައް ދިމާވެދާނެ ކަމަކަށް ވާތީ، އެކަމަށް ތާތު ހާއްސަ ސަމާލުކަމެއް ދެއެވެ.

މޫނަކީ ނާޒުކު ގުނަވަނަކަށްވާއިރު، ކޮންމެ ކޮންމެ އުފެއްދުމެއް ބޭނުންކޮށްގެން މޭކަޕް ކުރުންވެސް، ގޯހެވެ.

ތާތު ބުނީ، ފެންވަރު ރަނގަޅު އުފެއްދުންތައް ބޭނުންކުރަން އޭނާ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި، ހިދުމަތް ދިނުމަށް ބޭނުންކުރާ ސާމާނު ގިނަ ފަހަރު ގެންނަނީ ރާއްޖެއިން ބޭރުން ކަމަށެވެ.

 

ތާތު ކޮށްފައިވާ މޭކަޕެއް

 

ކްލައިންޓުންނަށް ބުނާނީ؟

އޭނާގެ ކްލައިންޓުންގެ ކިބައިން ތާތު އެދެނީ، ހަމަޖެހިފައިވާ ގަޑިއަށް ސަމާލުކަން ދިނުމެވެ. ނޫންނަމަ، ކުރިއަށް ހުރި އެޕޮއިންޓްމަންޓްތަކަށް ބުރޫ އަރައެވެ. ކޮންމެ ކްލައިންޓަކަށް ވެސް ހާއްސަ ކުރެވިފައިވާ ވަގުތު، އެ ކްލައިންޓަކަށް ހުސްކޮށްގެން މޭކަޕް ކުރާނަމަ، އެ ކްލައިންޓަކު އެންމެ ހިތްއެދޭ ލުކް ގެންނަންވެސް ވަގުތު ލިބޭނެކަން ތާތު ފާހަގަކުރެއެވެ.

ތާތު ކޮށްފައިވާ މޭކަޕެއް

ތާތު ކޮށްފައިވާ މޭކަޕެއް

އަދާ ކުރަމުންދިޔަ ވަޒީފާ ދޫކޮށްލައި، ރިސްކެއް ނަގައިގެން ތާތު މި ފެށި މަސައްކަތުގެ ނަތީޖާ ފޮންޏެވެ. އޭނާގެ ކާމިޔާބީގެ ސިއްރަކީ މޭކަޕަށް ހިތުގައި އޮންނަ ލޯބިން، އޭނާގެ ފިހިން އެ ހަދާ ފަރި ޖާދޫކަން ޔަގީނެވެ.