ދިވެހި ގައުމުގެ ހުންގާނުއި ހަވާލުވެވަޑައިގަންނަވާނެ ވެރިޔަކު ހޮވަން ދެ ހަފްތާއަށް ވީއެވެ. ރިޔާސީ އިންތިހާބަށް ބާކީ އޮތީ، އެންމެ 14 ދުވަހެވެ. އަށް ކެންޑިޑޭޓުން ވާދަ ކުރައްވާ މި އިންތިހާބުގައި އެންމެ ވާދަވެރިކޮށް ފެންނަނީ އެމްޑީޕީ އާއި ޕީޕީއެމް-ޕީއެންސީއެވެ. ވެރިކަން ކުރާ މައި ޕާޓީ އާއި، އިދިކޮޅު މައި ކޯލިޝަނެވެ.

Ads by Asuru

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު މެނިފެސްޓޯއިން ރައްޔިތުންނަށް އުއްމީދު ދެއްވައި، ރަށްރަށަށް ވަޑައިގެން ވައުދުތައްވެވަޑައިގަންނަވަން ފެއްޓެވުމާއިއެކު، ސަރުކާރު ހިންގާ މައި ޕާޓީން ވެރިކަމުގެ ދެވަނަ ދައުރަކަށް ދެކެމުން އައި ހުވަފެން ބިލާހަކަށް ވެދާނެ ކަމަށް ގަބޫލުކުރެވުނު ކަހަލައެވެ.

މުޅި ކެމްޕެއިންގެ އަމާޒު މުއިއްޒުއަށް ހުއްޓިއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ޖަލްސާތަކުގައި ވެސް އެންމެ ބޮޑަށް ދެކެވެނީ، ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރައްވައި، ތާރީހުގައި ހައުސިންގެ ދާއިރާއިން އެންމެ ބިޔަ މަޝްރޫއު ހިންގެވި ވަޒީރު، މުއިއްޒުގެ ވާހަކައެވެ.

މުއިއްޒުއަށް މަރުހަބާ ކިޔަން ރަށްރަށުގައި ހަދާލާ ދިގު ސަފުތަކާއި،  އެމަނިކުފާނަށް އޮތް ތާއީދު ފެނި، މޭފުޅުބޮޑުވެގެން، އެބޭފުޅުންގެ ރިޔާސީ ކެންޑިޑޭޓަށް، ކެމްޕެއިން ދަތުރުތައް ކުރުކޮށްލައްވަންވެސް ޖެހިވަޑައިގަތެވެ.

އެމްޑީޕީގެ ކެމްޕެއިން ތަރުޖަމާނު، އަދި ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީއަށް ވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ސަބަބެއް ވިދާޅުވެވޭވަރު ނުވެއެވެ. ދޫފުޅުން ނުކުންނަކީ މުއިއްޒުގެ ނަމެވެ. ކޮންމެ ދުވަހަކު ނޫސްވެރިން ގެންގޮސް މި ކުރައްވާ ކަމަކީ ހަމަ ގަދަޔަށް މުއިއްޒުގެ ”މަސް ކަނީ“ އެވެ. މުއިއްޒުއަށް ވެރިކަން ލިބިވަޑައިގެންފިނަމަ، އެހެން ނޫނީ މިހެން ވެދާނެ ކަމަށް ވިދާޅުވެ ހިޔާލީ ވާހަކަތައް ވެސް ވިދާޅުވެވެނީއެވެ. ހިޔާލުފާޅު ކުރާ މީހުންގެ ބަހުންނަމަ، ”ކޮސް ގޮވެނީ“އެވެ. ފާޑުކިޔާ މީހުންގެ ނަޒަރުގައި، މާރިޔާގެ ހެނދުނާއި ހަވީރުގެ ޒިކުރަކީ ވެސް މިހާރު މުއިއްޒުއެވެ.

ތާރީހު ބަދަލުކޮށްލައި، މާލެ ސިޓީގެ މޭޔަރުގެ ގޮނޑި ވެސް މުއިއްޒު ކާމިޔާބު ކުރެއްވީ މިފަދަ ގޮތަކަށް އެމްޑީޕީން އެންޓި ކެމްޕެއިން ކުރަމުންދަނިކޮށެވެ. އެހެންކަމުން، މިފަހަރުވެސް އެފަދަ ކެއްސެއް އެމްޑީޕީއަށް ލިބުން ގާާތްކަމަށް މީހުން ބުނެއެވެ.