ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު އަކީ، ހަތް އަހަރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވައި، އަދި މިހާރު މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމުގައި ހުންނަވިގެން ވެސް، އެމަނިކުފާނުގެ ގާބިލުކަމާއި ހިންގުންތެރިކަން ރައްޔިތުންނަށް ސާބިތުކޮށްދެއްވައިފައިވާ ބޭފުޅެކެވެ.

Ads by Asuru

މުއިއްޒުގެ މާލިމީކަމުގައި، ނިމިދިޔަ ސަރުކާރުން އެތައް މަޝްރޫއުއެއް ހިންގައިފައިވެއެވެ. ސިނަމާލެ ބްރިޖާއި، ހިޔާ ފްލެޓްތަކާއި، ރަސްފަންނާއި، ޒަމާނީ ސަލްޓަން ޕާކާއި އެނޫން ވެސް ހިތްފަސޭހަ މައިޒާންތަކާއި، މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ފަދަ މަޝްރޫއުތައް މުއިއްޒުގެ ގާބިލު ކަމަށް ހެކިވެއެވެ.

އަބަދުވެސް ވަރަށް މަޑުމައިތިރި މިޒާޖެއްގައި ފެންނަ މުއިއްޒުއާއި ގުޅޭގޮތުން އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރެއްވި، އަދި ކުރައްވަމުން ގެންދަވާ ބައެއް ފަރާތްތަކާއި މި ނޫހުން ވާހަކަ ދައްކާލީމެވެ. ކޮންމެ މީހަކު ވެސް މުއިއްޒު ސިފަ ކުރަނީ، ވަރަށް ހީވާގި، ނަތީޖާ ނެރެދެއްވަން ގަދައަޅައި މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މުއިއްޒުއާއި ވަރަށް އަރިހުގައި، ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރި މުވައްޒަފަކު ބުނީ، އޭނާ އަކީ ހައުސިން މިނިސްޓްރީގައި އެމަނިކުފާނާއި ވަރަށް އަރިހުގައި ތިން އަހަރު ދުވަހު މަސައްކަތް ކުރި މީހެއް ކަމަށެވެ.

އެމަނިކުފާނުގެ މަސައްކަތްޕުޅާއި ގުޅޭގޮތުން އެންމެ ފާހަގަކުރެވުނު ކަމަކީ، ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއި ޒިންމާދާރުކަމާއެކު، ކަމަށް ކަމޭ ހިތްތަވައިގެން ކުރެއްވުން ކަމަށް އޭނާ ބުންޏެވެ.

”ހަމައެއާއެކު ޙަވާލުކުރެވޭ މަސައްކަތްތައް ރަނގަޅު ފެންވަރެެއްގައި ކަނޑައެޅިފައިވާ މުއްދަތަށް ނިންމަވަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ. އަޅުގަނޑު ދަންނަވާނީ ހަމަ ރައީސް ޔާމީންގެ ސްޕީޑުގައޭ ޑރ.މުޢިއްޒުވެސް މަސައްކަތްކުރައްވަނީ. ރައީސް ޔާމީން ދެއްކެވި ފަދަ ލީޑަރޝިޕް ހުނަރުވެސް ޑރ.މުޢިއްޒުގެ ކިބައިގައި އެބަހުރި. މަސައްކަތްތައް ފަށްޓަވާނީވެސް ވަރަށް ބޮޑަށް ރާއްވަވައިގެން، ކަމާގުޅޭ ފަރާތްތަކާ ބައްދަލުކުރައްވާފައި، އެ ކަންކަން ކުރެވޭނެ ގޮތްތައް ކަނޑައަޅުއްވައިގެން. އެމަނިކުފާނުގެ މިޒާޖަށް ބަލާއިރު ވަރަށް މަޑުމައިތިރި، އަޚްލާޤު ރަނގަޅު، ހިތްހެޔޮ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވެނީ.“ އޭނާ ކިޔައިދިނެވެ.

ހަމައެއާއެކު، އެހައި ބުރަކޮށް އުޅުއްވާއިރުވެސް ނަމާދަށް ވަރަށް ސަމާލުކަން ދެއްވާ ކަމާއި، އޮފީހުގައި އުޅުއްވާ ވަގުތުވެސް ބަރާބަރަށް ނަމާދުތައް ކުރައްވާކަން ވެސް އެ ޒުވާނާ ފާހަގަކުރިއެވެ.

”އަޅުގަނޑު ދަންނަވާނީ ޑރ.މުޢިއްޒަކީ ވަރަށް ހަރުދަނާ ރަނގަޅު ޝަޚްސިއްޔަތެކޭ.“ އޭނާ އިތުރަށް ބުންޏެވެ.

 

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު، ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު

 

މުއިއްޒުގެ އަރިހުގައި، ހައުސިން މިނިސްޓްރީގައި ކޯޑިނޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، އަދި މިހާރު މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީީީޝް ވެސް މުއިއްޒުއާއިމެދު ވިދާޅުވީ މިފަދަ ބަސްތަކެކެވެ.

ނަރީޝް ވިދާޅުވި ގޮތުގައި މުއިއްޒު އަކީ، ފަތިސް ނަމާދާއިއެކު މަސައްކަތް ފައްޓަވާ، ވަރަށް ހީވާގި ބޭފުޅެކެވެ.

އޭނާ މުއިއްޒު ސިފަ ކުރެއްވީ، ވަގުތަށް ކަންކަން ހާސިލު ކުރަން މަސައްކަތް ކުރައްވާ ”ވޯކަހޮލިކް“އެއް ގޮތަށެވެ.

”ފަތިސް ނަމާދަށް ތެދުވާ ގޮތަށް މަސައްކަތް ފަށާނެ، އަޅުގަނޑުމެންނަށް ޓާސްކްތައް އެސައިން ކޮށްފަ، މެސެޖު ކުރައްވާނެ. އަދި ހަވާލު ކުރެވޭ މަސައްކަތުގެ ފޮލޯއަޕް، ބަރާބަރަށް ބައްލަވާނެ. މޭޔަރު ބޭނުންވެލައްވާ ސްޕީޑް، ނާންނަނީކަމުގައިވަނީނަމަ، ސްޕީޑްއަޕް ކުރަން، ކުރަންޖެހޭ ކަންކަމުގައި ލަފާ ދެއްވާނެ. ޓައިމްއަށް ޓާގެޓް ހާސިލު ކުރަން، ވަރަށް މަސައްކަތް ކުރައްވާ، އެކަން ހާސިލުވެސް ކުރައްވާނެ.“ ނަރީީީީޝް ވިދާޅުވިއެވެ.

 

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު މާލޭގެ ޑެޕިއުޓީ މޭޔަރު، އަހްމަދު ނަރީޝްއާއިއެކު

 

ނަރީޝް އިތުރަށް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުގައި ފާއިތުވެދިޔަ ދެ އަހަރު ވެސް، މުއިއްޒުއާއިއެކު އޭނާ މަސައްކަތް ކުރައްވައިފައި ވަނީ، އެއް ރޫޓިންއެއްގައި ކަމަށާއި، މޭޔަރު މުއިއްޒު އަކީ ވަރަށް ”އެނާޖެޓިކް“ އަދި ”ވިޝަނަރީ“ ބޭފުޅެއް ކަމަށެވެ.

މުއިއްޒު އަރިހުގައި މަސައްކަތްކުރި މުވައްޒަފުންގެ ވާހަކަ މިގޮތަށް ހުރިއިރު، އެމަނިކުފާނުގެ އަރިހުގައި ކެބިނެޓްގައި މަސައްކަތް ކުރެއްވި ބޭފުޅުން ވެސް މުއިިއްޒުއަށް ތައުރީފު ކުރައްވައެވެ. ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި، މުއިއްޒު އަކީ ވަރަށް މުރާލި، އިލްމީ އަދި އެހައިމެ ގާބިލު ބޭފުޅެކެވެ.