ފެހުމަކީ ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ކޮށް އުޅޭ ކަމެއް ކަމުގައި ވިޔަސް، އެކި މީހުންނަށް މި މަސައްކަތުގެ ތެރެއަށް ވަދެވޭ ގޮތް ތަފާތުވެއެވެ. އެކި މީހުންނަށް ދެވޭ ހިދުމަތާއި، އެ ހިދުމަތަށް އާއްމުންގެ ހިތުގައި ލޯބި އޮންނަނީ ވެސް އެކި ވަރަށެވެ.

Ads by Asuru

އައިމިނަތު ހުނައިޝާ ހަސަން އާއި އޭނާގެ ދައްތަ ފާތިމަތު ހުނައިފާ ހަސަންގެ، ”ހައުސް އޮފް ހުނޭ“ގެ ވާހަކަ ދައްކަން މި ޖެހުނީ، މި ދެބެއިންގެ ފެހުމުގެ ދުނިޔެ، ވިޔަފާރިއެއްގެ ގޮތުގައި ފެށުނު ގޮތް ތަފާތު ވުމުންނެވެ. ކަސްޓަމަރުންނަށް ހިތްހަމަޖެހުން ހޯދައިދިނުމަށް ކޮންމެ އޯޑަރެއް ވެސް ”ސީރިއަސް“ކޮށް ނަގާ މި ދެބެއިންގެ ވާހަކަ ނިކަން ޝައުގުވެރިއެވެ.

މި ނޫހަށް، ހުނައިޝާ(ހުނޫ) ބުނިގޮތުގައި، ޓީޗަރެއްގެ ގޮތުގައި ބުރަކޮށް މަސައްކަތް ކުރަމުން ދިޔައިރު ވެސް، އޭނާގެ ހިތުގައި ފެހުމަށް އަބަދުވެސް ޝައުގުވެރިކަން ހުރެއެވެ. ފަހާ ކޯހެއް ހެދީ ވެސް، އެއްޗެއް އެނގިގެން ފަހަން ބޭނުންވާތީއެވެ.

ހައުސް އޮފް ހުނޭ ވުޖޫދަށް އައީ ކިހިނެއް؟

ކޮވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި، މާލެ ފުރަބަންދުގައި ހޭދަ ކުރި ދުވަސްތަކުގައި އާއްމު ރައްޔިތުންނަށް އެތައް ކަމެއްގައި ދަތިތައް ކުރިމަތިވިއެވެ. ކޮވިޑްގެ އާލަމީ ވަބާއާއިއެކު، މުޅި ދުނިޔެއަށް ވެސް މަޖުބޫރުވީ، މާސްކު އަޅައިގެން އެ ބަލިން ރައްކާތެރިކަން ހޯދާށެވެ. މި ދަނޑިވަޅުގައި، ލިބިފައިވާ ފެހުމުގެ ހުނަރު ބޭނުންކޮށްގެން ހުނޭ ނިންމީ އޭނާގެ ފަރާތުން ވެސް ގައުމަށް ކަމެއް ކޮށްދިނުމަށެވެ. އެހެންވެ، މާސްކު ފަހަން ދަސްކޮށް، އެތައް ބަޔަކަށް ހިލޭ ސާބަހަށް މާސްކު ފަހައިދިނެވެ.

 

ހުނޭ ކުރިން ފެހި މާސްކް

 

ހުނޭ ބުނިގޮތުގައި، ކޮވިޑްގެ ޕެންޑެމިކްގެ ތެރޭގައި، އެއްވެސް އަގެއް ނުނަގައި، އޭނާއަށް ހާހެއްހައި މާސްކު ފެހިފައި ހުންނާނެއެވެ. ފިހާރަތަކުން މާސްކު ހުސްވެގެން އުޅުނު އެ ދުވަސްވަރު، ސިފައިންނާއި ފުލުހުންނާއި ނަރުހުން ފަދަ، ޕެންޑެމިކްގައި އެންމެ ބުރަކޮށް މަސައްކަތް ކުރަން ޖެހުނު ފަރާތްތަކަށް ހުނޫ ދިއްކޮށްލި މާސްކުތައް ވެގެންދިޔައީ ބޮޑު އެހީއަކަށެވެ. އެހީގެ އަގެ ”ހައުސް އޮފް ހުނޭ“ގެ ޕޭޖު ހަދައިގެން ވެސް، ފުރަތަމަ ހިއްސާ ކުރީ މާސްކު ފެހުމުގެ މަސައްކަތާއި ގުޅޭ ޕޯސްޓުތަކެވެ.

މި މަސައްކަތް ކުރިއަށް ގެންދިޔުމުގެ ތެރެއިން، ދައްތައާއި ގުޅިގެން، ވިޔަފާރިއެއްގެ ގޮތުގައި ފެހުމުގެ މަސައްކަތް ކުރަން ދެ މީހުން ވިސްނީ ކަމަށް ހުންނަ ޝައުގުވެރިކަމުގެ ބޮޑުކަމުންނެވެ.

ހުނޭއާއި އޭނާގެ ދައްތަ އަކީ ވެސް، ވަޒީފާގައި ބުރަކޮށް މަސައްކަތް ކުރާ، ހީވާގި ދެމީހުންނެވެ. ވަޒީފާއަށް ވަގުތު ދިނުމަށްފަހު، ދެން ލިބޭ ވަގުތުތައް، ދެބެއިން ހޭދަ ކުރަނީ، ހައުސް އޮފް ހުނޭގައި، ކަސްޓަމަރުންގެ ހިދުމަތުގައެވެ.

ހައުސް އޮފް ހުނޭގެ އުފެއްދުމެއް

 

ހައުސް އޮފް ހުނޭއިން ފަހައިދެނީ ކޮންއެއްޗެއް؟

މި ސުވާލުގެ ޖަވާބުގައި ހުނޭ ބުނީ ”ހުރިހާ އެއްޗެއް ވެސް“ ފަހައިދޭ ކަމަށެވެ. މެޝަމެންޓް ފޮނުވުމުން، ރާއްޖޭގެ ކޮންމެ ރަށެއްގެ ކަސްޓަމަރަކަށް ވެސް، ބޭނުންވާ ޑިޒައިނަކާއި ފޮތީގައި ފަހާދޭއިރު، އެންމެ މުހިންމު ކަމަކީ ކަސްޓަމަރުން އެންމެ ހިތްހަމަޖެހޭނެ ފަދަ ހިދުމަތެއް ދިނުން ކަމަށް ހުނޭ ބުނެއެވެ.

 

ހައުސް އޮފް ހުނޭގެ އުފެއްދުމެއް

 

ފަހާ ހެދުމެއް ރަނގަޅު ކޮށްލަން، ނުވަތަ ކަސްޓަމަރު އެދޭ ބަދަލެއް ގެނައުމަށް، ކިތަންމެ ފަހަރަކު ހެދުން ގެނަޔަސް، އެ އެދޭ ބަދަލެއް ފޫހިކަމެއް ނެތި ގެނެސްދޭނެ ކަމުގެ ޔަގީންކަން ހުނޭ ދެއެވެ.

”100 ފަހަރަށް އަޅުގަނޑުމެންނާ ހަމައަށް ގެނަޔަސް، އެ ބުނާ ބަދަލެއް ގެނެސްދޭނަން.“ ހުނޭ ބުންޏެވެ.

 

ހައުސް އޮފް ހުނޭގެ ސަގާފީ ހެދުމެއް

ސޭލްތަކަށް ބޮޑު ތަރުހީބެއް

ހައުސްް އޮފް ހުނޭއިން، ދޭތެރެ ދޭތެރެއިން އެކި ވައްތަރުގެ ހެދުން ވަރަށް ހެޔޮ އަގުގައި ވިއްކައެވެ. ވަރަށް ފަހުން މިހާރު ގިނަ އަންހެނުންގެ މެދުގައި މަގްބޫލު އަބާޔާ ވެސް، ސޭލުގައި ވިއްކިއެވެ. އަދި ވެސް މިފަދަ ސޭލްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ހުނޭ ބުންޏެވެ.

 

ހައުސް އޮފް ހުނޭގެ އުފެއްދުމެއް

ކަސްޓަމަރުންނަށް ހުނޭގެ މެސެޖު

ހެދުމެއް ރީތިކޮށް ފަހައިލާ ނިންމައިލުމަކީ ހިދުމަތް ދޭ ފަރާތަށް ވެސް ލިބޭ ހިތްހަމަޖެހުމަކަށްވާއިރު، ކަސްޓަމަރު އެދޭ ގޮތަށް ހެދުން ފެހުމަށް ބައެއް ފަހަރު ގިނަ ވަގުތު ބޭނުންވެދާނެކަމަށް ހުނޭ ބުނެއެވެ. މިސާލަކަށް ވެޑިން ޑްރެސް ކަހަލަ ހެދުމެއް ފަހަން، ވަގުތު އޮއްވައި އޯޑަރު ދިނުން އެއީ މުހިންމު ކަމެއް ކަމަށް ހުނޭ ހަނދާން ކޮށްދިނެވެ.

ހައުސް އޮފް ހުނޭގެ ހިދުމަތް ހޯދާނީ ކިހިނެއް؟

މި ލިންކުން ހައުސް އޮފް ހުނޭގެ އިންސްޓެގްރާމް ޕޭޖު ފެންނާނެއެވެ. މި ލިންކުން ފޭސްބުކް ޕޭޖަށް ވަދެވޭނެއެވެ. ޕޭޖުތަކަށް މެސެޖުކޮށްލައިގެން ނުވަތަ އެތަނަށް ގޮސްގެން ވެސް ހިދުމަތް ހޯދިދާނެއެވެ. އެތަން ހުންނަނީ، މާލޭގެ ހެންވޭރު، ދީފްރަމް ގޯޅީގައެވެ.

 

ހައުސް އޮފް ހުނޭއިން ފެހި، ކުޑަކުދިންގެ ސަގާފީ ހެދުމެއް

ކުރާ ހިތުން ކުރާނަމަ، ކޮންމެ މަސައްކަތަކީ ވެސް ވަރަށް ކާމިޔާބު ކަމާއިއެކު ކުރެވިދާނެ ކަމެއްކަން ބުރަކޮށް އުޅެމުން ވެސް، ފެހުމުގެ ވިޔަފާރީގައި އުޅޭ ހުނޭމެންގެ ވާހަކައިން ޔަގީން ކޮށްދެއެވެ. ”އަސުރުން“ އެދެނީ، ހައުސް އޮފް ހުނޭއަށް ކާމިޔާބު ދުވަސްތަކެކެވެ.