މާލެ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް އަހަރެއް ފުރިގެން ދިޔައިރު، އެ ކައުންސިލުން ވަނީ މާލޭގެ ގިނަ ކަންކަން ހައްލު ކުރުމުގައި އެދެވޭ މަސައްކަތްތަކެއްކޮށް، ކާމިޔާބީތަކެއްވެސް ހޯދައިފައެވެ.

Ads by Asuru

ނަމަވެސް ކައުންސިލުގެ އެންމެ ބޮޑު ޝަކުވާ އަކީ، ލާމަރުކަޒީ ނިޒާމަށް އެންމެ ބޮޑަށް އިހްތިރާމް ކުރާ ކަމަށް ވަކާލާތު ކުރަމުން އައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ސަރުކާރުން، އިދިކޮޅުގެ މެޖޯރިޓީއެއް އޮންނާތީ، މާލެ ސިޓީ ކައުންސިލަށް ދޭން ޖެހޭ އެއްބާރުލުން ނުދޭ ކަމުގެ ޝަކުވާއެވެ.

ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ އަހަރު ހާސިލު ކުރެވުނު ކަންކަމުގެ ތަފްސީލީ މައުލޫމާތު ހާމަ ކުރުމަށް އާންމު ކުރި ”އަތަމަނަ“ގެ ހާއްސަ އަދަދުގައިވާ ގޮތުން، އެ ކައުންސިލަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭތާ ހަމަސް ދުވަސް ވަނީ ވެފައެވެ. މި އަދަދުގައި، ކައުންސިލަށް އެއްބާރުލުން ނުލިބޭ ކަންކަން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން މާލެ ސިޓީގެ އެކި ކަންކަމުގައި، ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށް، ބްލޮކްވެރިން  ހޮވުމަށް ކައުންސިލުން ރޭވި ނަމަވެސް، މިކަމަށް ސަރުކާރުން ހުއްދަ ދީފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ. ބްލޮކް ވެރިން ހޮވުމަކީ، މާލެ ސިޓީގެ ކަންކަން ގާތުން ބެލެހެއްޓުމަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މިސްކިތްތައް ބެލެެހެއްޓުމާ މަރާމާތު ކުރުމަށްވެސް ސަރުކާރުގެ ފަރާތުން ކައުންސިލަށް އެއްބާރު ލުމެއް ނުދިނުމަކިީ، ކައުންސިލުގެ ކަންބޮޑުވުމެއް ކަަމަށް ބުނެއެވެ. އެކަމަށް ބޭނުންވާ ބަޖެޓު ދީފައި ނުވާއިރު، ވަގުފު ފަންޑުން އެހީތެރިކަން ދިނުމަށްވެސް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. އެކައުންސިލުން ބުނާ ގޮތުގައި މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް ލަސްވެގެން ދިޔުމަކީ ނުހަނު ކަންބޮޑުވުން އޮތް ކަމެކެވެ.

މާލޭގެ ޓީ ޖެޓީ އާއި ނޯތު ހާބަރަކީ ސިޓީ ކައުންސިލުގެ މިލްކުވެރި ދެ ބަނދަރަށްވާއިރު، މި ދެ ބަނދަރު އަދިވެސް އޮތީ އެމްޕީއެލްގެ ދަށުގައެވެ. އެމްޕީއެލްއިން މި ދެބަނދަރަށް ކުލި ދައްކާނެ މިންވަރެއް ނިންމުމުގައި ސަރުކާރުން އެއްބާރުލުން ނުދޭކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ގާނޫނުގައިވާ ގޮތަށް ސިޓީ ކައުންސިލުން ލޭންޑް ޔޫސް ޕްލޭން ސަރުކާރަށް ހުށަހެޅިއިރު، މި ޕްލޭނަށް އަމަލު ކުރުމުގެ ހުއްދަވެސް ދީފައެއް ނުވެއެވެ.

މާލެ ސިޓީގެ ގިނަ މައްސަލަތަކުގެ ހައްލަކީ، ސިޓީ ކައުންސިލުން ބުނާ ގޮތުގައި، މި ޕްލޭނެވެ.

ލާމަރުކަޒީ ގާނޫނު ލާޒިމް ކުރާ، ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ހުއްދަވެސް ސަރުކާރުން ދީފައި ނުވާއިރު، މިއީ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ލިބުމަށް އެޅޭ ހުރަހެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ކައުންސިލުން ގިނަ ކަންކަން ކޮށްދޭން ހުރިއިރު، އާމްދަނީ ހޯދުމުގައި ސަރުކާރުގެ ފަރާތުން ހުރަސްތައް އެބަހުއްޓެވެ. އެގޮތުން ދައުލަތުގެ އެކި އިދާރާތަކުން ސިޓީ ކައުންސިލަށް ކުލީގެ ގޮތުގައި ދޭން ޖެހޭ 150 މިލިއަން ރުފިޔާ ނުލިބިވާކަން އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.