ކޮންމެ އުމުރެއްގައި ވިޔަސް، ބުލީ ނުވަތަ ގަނާގެ ޝިކާރައަކަށް ވުމަކީ ނަފްސާނީ ގޮތުން ގެއްލުން ލިބޭނެ ކަމެކެވެ. މިކަމުގެ ވޭން، މައުސޫމް ކުޑަ ކުއްޖަކަށް އަދި ވަކީން ބޮޑުވާނެކަން ގައިމެވެ. އިންސާނަކު ޙަޔާތުގައި ތަޖުރިބާ ކުރާ ކަންކަން ހަނދާނުން ފިލައި ދިޔަޔަސް، ކުރެވޭ އިޙްސާސްތައް ހިތުގައި އަބަދުވެސް ބިންވަޅު ނެގިފައި ހުންނާނެތީއެވެ.

Ads by Asuru

ކުޑައިރު ގަނާގެ ޝިކާރައަކަށްވެ، އެ ހިތި ތަޖުރިބާއިން ލިބޭ ނަފްސާނީ ގެއްލުމުގެ ސަބަބުން، މީހެއްގެ މުޅި ޙަޔާތް ވެސް ބަނަވެގެން ހިނގައިދާނެއެވެ. ލަފްޒު ކިތަންމެ ކުރުވެފައި ލުއި ކަމުގައި ވިޔަސް، ”ގަނާ“ އަކީ މި ކުޑަ ކުޑަ މުޖްތަމަޢުގައި ވެސް، އާއްމުވެފައިވާ ވަބާއެކެވެ.

ގްރޭޑް އެކެއްގެ ކުޑަ ކުއްޖަކު ބުލީގެ ޝިކާރައަކަށް

އިއްޔެ މުޅި ޤައުމު ސިއްސުވައިލީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ޞަލާޙުއްދީން ސްކޫލްގެ ގްރޭޑް އެކެއްގައި ކިޔަވަމުންދާ ދަރިވަރަކަށް، ކްލާސް ތެރެއިން ބުލީކޮށް، ކޮށްލި ވަރުގެ ވާހަކަތައް، ކުއްޖާގެ އާއިލާ އިން ފޭސްބުކަށް ތިލަކޮށްލުމުންނެވެ.

މިއަދު އެ ވާހަކަ އައު ކޮށްގެން ދައްކަން މި ޖެހެނީ މައްސަލައިގެ ސީރިއަސްކަމުންނެވެ. ތުއްތު ތުއްތު ކުދިން ބުލީގެ ޝިކާރައަކަަށް ވުމުން ސަލާމަތް ކުރަންޖެހޭތީއެވެ.

އެ ކުއްޖާގެ ބޮލުގެ އިސްތަށިތައް ކޮށައިލައި، ބޯން ގެންދިޔަ ފެންފުޅީގައި ދޫލައި، ސޯޓު ކުރިމަތިން ކަފައިލައި، ޓީޝާޓު ހިއްލައި ބަނޑު ދައްކަން ބުނީ، އެ ކުއްޖާގެ އުމުރުގެ، އެއް ކްލާހެއްގައި ތިބި ކުދިންތަކެކެވެ. އެއީ ވެސް މައުސޫމް ކުޑަ ކުދިންނެވެ. މައްސަލަ އަކަށްވަނީ، ތަސައްރަފު ފުދިފައި ތިބި ބަޔަކަށް މިކަން ޙައްލު ނުކުރެވުނު ހިސާބުންނެވެ.

ކުއްޖާއަށް ނަފްސާނީ ގޮތުން ބޮޑު ގެއްލުމެއް

ބުލީގެ ޝިކާރައަކަށްވި ކުއްޖާގެ އާއިލާގެ މެމްބަރަކު ”އަސުރަށް“ ބުނީ، މިކަމެއް ހިނގަމުން އަންނަތާ ދުވަސްތަކެއް ވެފައިވާއިރު، ކުއްޖާގެ މަންމަ ފުރަތަމަ މަސައްކަތް ކުރީ ޓީޗަރާއި ވާހަކަ ދައްކައިގެން މިކަން ޙައްލު ކުރުމަށް ކަމަށެވެ.

ސޯޝަލް މީޑިއާގައި ލިޔެ، ޓީޗަރާއި ސްކޫލް ”ބަދުނާމު“ ކޮށްލަން ކުރި ކަމެއް ކަމަށް ބުނެ ކުރާ ތުހުމަތު އާއިލާއިން ދޮގު ކުރެއެވެ.

ދަރިފުޅު ބުލީގެ ޝިކާރައަކަށް ވަމުންދާކަން ޓީޗަރާއި ހިއްސާ ކުރުމުން ވެސް ފިޔަވަޅެއް ނޭޅި ދުވަސްތައް ފާއިތުވެގެން ދިޔަ ކަމަށް ވެސް އާއިލާއިން ބުނެއެވެ. ގިނަ ދުވަސްދުވަހު އެ ކުއްޖާ ގެއަށް އަންނައިރު، ޕުއްޕު ލެވިފައި ހުރުމާއި، ފަންސުރުތައް ބިންދައިގެން ގޮސްފައި ހުންނައިރު، މިވާ ގޮތެއް ކުއްޖާގެ އާއިލާއަކަށް ފުރަތަމަ ނޭނގުނެވެ. މަޑުމަޑުން ހުންނަ އެ ކުއްޖާ އެއްވެސް ވާހަކައެއް ކިޔައެއް ނުދެއެވެ. އެތައް ފަހަރަކު ޑޮކްޓަރަށް ދައްކައިގެން ވެސް ކުއްޖާއަށް ވާ ގޮތެއް ނޭނގުނެވެ. ކްލާސް ތެރެއިން ބުލީ ކުރާކަން އެނގުނީ، ކްލާހުގެ އެހެން ދަރިވަރަކު ބުނުމުންނެވެ.

މި މައްސަލަ ބޮޑުވެ، ބެލެނިވެރިޔާ ކްލާސް ބަދަލު ކޮށްދޭން އެދުނެވެ. ނަމަވެސް ކްލާސް ބަދަލުކޮށް ނުދީ، ކްލާހުގައި ކުއްޖާ އިންނަ ތަން ބަަދަލު ކުރީއެވެ.

އެވަރުންވެސް ގަނާ ކުރުމަކަށް ނިމުމެއް ނައެވެ. ކްލާސް ޓީޗަރަށް، ކުދިން ”ކޮންޓްރޯލް“ ނުވުމުގެ ނަތީޖާ އަކަށްވީ ގަނާގެ ޝިކާރައަކަށްވި ކުއްޖާގެ ބޮލުގެ އިސްތަށިގަނޑުން ބައެއް ކޮށައިލައި، ކުއްޖާއަށް ލިބެމުންދިޔަ ނަފްސާނީ، އަދި ޖިސްމާނީ ގެއްލުމުގެ ލިސްޓަށް އައު ބޮޅެއް އިތުރުވުމެވެ.

”މިވަރު ކުރާއިރު، އެ ކުއްޖާއަށް ކުރާނެ އަސަރު ހިތަށް ގެންނަވާ. ކުއްޖާގެ މުޅި ދިރިއުޅުމަށް ވެސް އެކަމުގެ އަސަރު ކުރާނެ ނޫންތޯ؟“ އާއިލާގެ މެމްބަރަކު ބުންޏެވެ.

ޓީޗަރާއި ޕްރިންސިޕަލަށް ވެސް އިހުމާލުގެ ތުހުމަތު

މި މައްސަލަ ހިލުމުން ގިނަ އާއްމުން ވެސް ފާހަގަކުރީ، މިފަދަ މައްސަލަތައް ޓީޗަރުންނާއި، ސްކޫލްތަކުގެ މެނޭޖްމަންޓުގެ ސަމާލުކަމަށް ގެނަޔަސް، ޙައްލު ނުލިބޭ ކަމެވެ. މާބޮޑު ސަމާލުކަމެއް ނުދޭ ކަމެވެ. ބައެއް ފަހަރު، ޓީޗަރުންގެ ދިފާޢުގައި ޕްރިންސިޕަލުން ވެސް ނުކުންނަ ކަމެވެ. ވިކްޓިމް ކުށްވެރިވާ ކަމެވެ. މި މައްސަލައިގައި ހިމެނޭ ޓީޗަރު ވެސް، ކުއްޖާ ބޯ ކޮށައިލީ އަމިއްލައަށް ކަމަށާއި، ހަދަނީ ދޮގު ކަމަށް ބުނެފައިވާ ކަމަށާއި، ޕްރިންސިޕަލް ވެސް ޓީޗަރު ދިފާޢުކޮށްފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

އެޑިއުކޭޝަނުން ދަނީ މައްސަލަ ބަލަމުން

އެޑިއުކޭޝަން މިނިސްޓްރީީން ބުނީ، މި މައްސަލަ ބަލަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ. އަދި ޖެންޑަރ މިނިސްޓްރީން ވެސް، އެ ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.

ބުލީ ކުރުން އާދައިގެ ކަމަކަށް ނުހަދަމާ

މުޅި ދުނިޔޭގައި ވެސް ބުލީ ކުރުމަކީ ބޮޑު މައްސަލައެކެވެ. މިކަމުގެ ސަބަބުން އަމިއްލައަށް މަރުވުން ފަދަ މައްސަލަތައް ވެސް ފެންމަތިވެއެވެ. ބުލީ ކުރުން ހުއްޓުވުމަށްޓަކައި، ގޭތެރެއިން ނުކުމެގެން، މުޖްތަމަޢުއަށް ނުކުންނަ، ތިބާގެ ދަރީންނަކީ އެހެން މީހުންނަށް ގަނާ ނުކުރާނެ ބަޔަކަށް ހަދާށެވެ. އެވަރުގެ ތަރުބިއްޔަތެއް ދަރީންނަށް ދޭށެވެ. މަޖަލަކަށް ވިޔަސް، ދަރީންނަށް މަލާމާތްކޮށް، ފުރައްސާރަ ކުރުމުގެ ބަސްތައް ރައްދު ނުކުރާށެވެ. ދަރީން ކުރިމަތީގައި، އެހެން މީހުންނަށް މަލާމާތް ނުކުރާށެވެ. އެފަދަ މަންޒަރުތައް ދަރީންނަށް ޓީވީން ވެސް ނުދައްކާށެވެ. ތިބާގެ ބެލުމުގެ ދަށުގައި ވަނިކޮށް، ބުލީގެ ޝިކާރައަކަށްވާ ކުއްޖާ އެ ޙާލަށް ދޫކޮށް ނުލާށެވެ. ތިބާގެ ދަރިއެއް ކަމުގައި ނުވިޔަސް، އިސްވެ އެހީތެރިވާށެވެ.

ެ