”މިއީ މިހާތަނަށް ހިއްކޭ އެންމެބޮޑު ބިން. އެންމެ ރަސް ބޮޑު ބިން. މިތަނަށް އަޅުގަނޑުމެން ކިޔާނީ ”ރަސްމާލެ“

މިއީ މިއަދު ކ.ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް އިފްތިތާޙް ކޮށްދެއްވުމަށް ބޭއްވި ތާރީޚީ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވި ބަސްފުޅެކެވެ. އެމަނިކުފާނު ކުރުކޮށް އެ ފާހަގަކުރެއްވީ، ވެރިކަމަށް މަސް ދުވަސް ވީތަނާ ފެއްޓެވި އެ މަޝްރޫޢުގެ ބޮޑުކަމާއި މުހިންމު ކަމެވެ.

Ads by Asuru

ރައީސް މުޢިއްޒުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސް ދެއްވުމަށް ވަޢުދުވެވަޑައިގެން، ވެވަޑައިގެންނެވި ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު މަޝްރޫޢު އަކީ ރަސްމާލެ ސިޓީ ވުޖޫދަށް ގެނައުމެވެ.

ސްރީލަންކާގެ ސީއެމްސީއާއި ޙަވާލުކޮށްގެން ކުރިއަށް ގެންދާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް އެންމެ 08 މަސް ދުވަސް ތެރޭގައި ނިންމުމަށް ސަރުކާރުން އަމާޒު ހިފައިފައިވާއިރު، މިއަދު މި މަޝްރޫޢު އިފްތިތާޙު ކުރަން ފުށިދިއްގަރުފަޅުގައި ބޭއްވި ރަސްމިއްޔާތުގައި އާބަންކޯގެ އެމްޑީ އިބްރާހީމް ފަޒުލް ރަޝީދު ވަނީ، މަޝްރޫޢު ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް ނިންމައިލާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

އެކަމަށް އާބަންކޯ އިން ގަދައަޅައި މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރަސްމާލެ ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި އާބަންކޯގެ އެމްޑީ އިބްރާހީމް ފަޒުލް ރަޝީދު ވާހަކަ ދައްކަވަނީ

ރައީީސް މުޢިއްޒު ވިދާޅުވާ ގޮތުގައި، މާލެ ސަރަހައްދުގައި އުޅޭ ބޮޑު އާބާދީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ ދާއިމީ ޙައްލު ގެނެސްދިނުމުގައި އެންމެ ބޮޑު އެއް ދައުރެއް އަދާ ކުރާނެ ރަސްމާލެ ސިޓީ ވެގެންދާނީ، ތިމާވެއްޓާއި ރައްޓެހި، މޯލްޑިވްސް އިކޯ ސިޓީއަށެވެ. 

އެ ސިޓީ ތަރައްޤީ ކުރާނީ ސޭފް އައިލެންޑެއްގެ ގޮތުގައި، އިންޓަރނޭޝަނަލް މިންގަނޑުން ކަނޑައެޅޭވަރަށް ހިއްކައިގެންނެވެ.

އެގޮތުން ސިޓީގެ މެދަށް ތިން މީޓަރު އުސްމިން، އަރިމައްޗަށް ގާތްގަނޑަކަށް ދެ މީޓަރު އުސްމިން ހުންނާނެއެވެ. އެއީ ބައިނަލްއަޤްވާމީ މިންގަނޑުން ބަލާއިރު، ސޭފް އައިލެންޑެއްގެ ގޮތުގައި ކަނޑައެޅޭ އުސްމިނެވެ.

”އަޅުގަނޑު މި ގަސްތުކުރަނީ އިރާދަކުރެއްވިއްޔާ، މިތާނގައި ޤާއިމުވެގެންދާ ސިޓީއަކީ، ޒީރޯ ކާރބަން ސިޓީއަކަށް ހެދުމަށް. މާނައަކީ މިތާ ދުއްވާ އުޅަނދުފަހަރުވެސް ތިމާވެށްޓާ ރައްޓެހި ފިއުލް ބޭނުންކުރާނީ. ނޫނީ އެގޮތަށް ދުއްވާނީ. އިލެކްޓްރިކް ނިޒާމު، ނޫނީވިއްޔާ ބެޓެރީ ނިޒާމެއް. މިތަނުގައި ހުންނަ ހުރިހާ ފެސިލިޓީޒެއް، ގެދޮރާ، ހުރިހާ ކަމެއްގައި ރިނިއުބަލް އެނަރޖީގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން، މުޅި ސިޓީ އަޅުގަނޑުމެން ހިންގާނީ.“ ރައީސް މިއަދު ވިދާޅުވިއެވެ.

ރަސްމާލެ ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ

ރަސްމާލެއަށް ދަތުރުފަތުރުގެ ނިޒާމު ރާއްވަވައިފައިވާ ގޮތް ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ ޒަމާނީ އެކްސްޕްރެސް ޓްރާންސްޕޯޓް ސިސްޓަމް ބޭނުންކުރުމުގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އުނދަގޫނުވާނެ ގޮތަކަށް، އިތުރު އެއަރ ސްޓްރިޕެއްވެސް ޤާއިމުކުރަން ނިންމަވައިފައިވާ ކަމަށެވެ.

”އެތަނުން ރަސްމާލެއަށް ވަރަށް ކައިރި ކަނޑުއޮޅިއެއް އޮންނަނީ. ކުޑަކުޑަ ކަނޑުއޮޅިއެއް. ގުޅުވާލާނަން. ގުޅުވާލީމާ އެގޮތުންވެސް އެ ގުޅިގެންދިޔައީ.“ ރައީސް ވިދާޅުވިއެވެ.

ރަސްމާލެ ހިއްކަން ފެށުމުގެ މަޝްރޫޢުގެ ތެރެއިން

ސަރުކާރުގެ ވިސްނުން ހުރީ ރަސްމާލެ އަކީ އިކޯ ސިޓީއަކަށް ހެދުމުގެ އިތުރަށް، އެ ތަނަކީ “ އިންކްލޫސިވް“ ސިޓީއަކަށް ހެދުމަށެވެ.

”މަގު ވިޔަސް، ޢާންމު މައިދާންތައް ވިޔަސް، އިމާރާތްތައް ވިޔަސް، ތަރައްޤީ ކުރެވޭނީ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކީގައި، އުފަލާއެކީގައި، ޝާމިލްވެ އުޅެވޭގޮތަށް.“ ރައީސް މުޢިއްޒު މިއަދު ވިދާާޅުވިއެވެ.

ފުށިދިއްގަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ، 1153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.