ޒަމާނަށް އައި ބަދަލާއެކު މީސްމީޑިއާގެ އެކި ޕްލެޓްފޯމްތައް މިވަނީ އަޅުގަނޑުމެންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައެވެ.

Ads by Asuru

ކޮންމެ ތަނެއްގައި ވިޔަސް، ގާތް މީހުންނާ އެކުވެރިންނާއި ”ދުރުން“ ބައްދަލު ކުރެވޭ ވަސީލަތަކީވެސް މީސްމީޑިއާއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކާއި، ގައުމުގައި ހިނގާ ނުހިނގާ ކަންކަންވެސް ބަލަން ގެންގުޅެވެނީ މީސްމީޑިއާގެ ކޮންމެވެސް އެޕެކެވެ.

މީސްމީޑިއާގެ ފައިދާތައް ގިނަ ކަމާމެދު ދެބަސް ވެވޭކަށް ނެތެވެ. އެހެންނަމަވެސް މީގެ އަނދިރިފަޅީގެ ނުރައްކާ އަދި މާބޮޑުހެން ހީވެއެވެ.

އަޅުގަނޑުމެންނަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށް ވިޔަސް، އިސްލާމީ ހަމަތަކާ ބީރައްޓެހި އެތައް ކަމެއްވެސް، މީސްމީޑިއާއިން ދަނީ ފެންނަމުންނެވެ.

އެގޮތުން ދިވެހީންގެ ތެރޭގައި ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ ޓިކްޓޮކް ފަދަ އެޕްތަކުން މިކަން ވަރަށް ރަނގަޅަށް ފެނެއެވެ. ޓިކްޓޮކް ބޭނުންކޮށްގެން ދީނީ މައުލޫމާތާއި، ތަފާތު ކާއެއްޗެހީގެ ރެސިޕީތައް ހިއްސާ ކުރާ މީހުން ނެތެކޭ ނޫނެވެ.

ނަމަވެސް ގިނައިން ފެންނަނީ ނިވާކަން ކުޑަ ހެދުމުގައި، ނުވަތަ ނިވާކޮށްގެން ވިޔަސް، ދެ ޖިންސުގެ މީހުން މަސްހުނިވެ، ގައިގޯޅިވެ އުޅޭ މަންޒަރެވެ.

މިފަދަ މަންޒަރުތައް އާންމު ކުރާ މީހުންގެ ޕޯސްޓުތަކަށް ލިބޭ ސަމާލުކަންވެސް ބޮޑެެވެ. ލައިކާއި ފޮލޯވަރުންވެސް ގިނައެވެ. ބައެއް މީހުން އެފަދަ ކަންކަމަށް ހިތްވަރުދޭއިރު، ހެޔޮ ނަސޭހަތްދީ، މިފަދަ ޕޯސްޓްތަކަށް ކޮމެންޓް ކުރާ މީހުންވެސް އުޅެއެވެ.

ވިސްނާލަން ޖެހޭ ކަމަކީ، ތިބާ ނިވާކަން ކުޑަ ހެދުމުގައި ހިއްސާ ކުރާ ވީޑިއޯތައް، ތިބާ މި ދުނިޔެއާ ވަކި ވުމަށް ފަހުގައިވެސް، އެ ބަލާ ބަޔަކަށް ފެންނާން ހުންނާނެ ކަމެވެ.