ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން، ”އުރީދޫ ފަން ރަން 2023“ ކާމިޔާބުކަމާ އެކު  ނިންމާލައިފިއެވެ.

Ads by Asuru

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެެއެވެ.

އުރީދޫން ބުނީ، މިއަހަރުގެ ދުވުމުގައި 6000 ވުރެ ގިނަ ދުވުންތެރިން ބައިވެރިވެ، ފަސް ކިލޯމީޓަރުގެ މި ދުވުން ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

މި ހަރަކާތް ކުރިއަށް ދިޔައީ، 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓަރަލް ޕާކުގައެވެ. އެ ދުވުން ކުރިއަށް ދިޔައޯ ސެންޓްރަލް ޕާކުން ފެށިގެން ގޮސް ފޭސް 1 އަދި ފޭސް 2 ގެ މަގުތައް ހިމެނޭ ގޮތަށެވެ. އެ ދުވުމުގައި ވަނީ އެކި އުމުފުރައިގެ ކުޑަކުދިންނާއި ބޮޑެތިމީހުން ބައިވެރިވެފައެވެ.

އުރީދޫ ”ފަން ރަން“ ގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދްއަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ބޯޑް ޑިރެކްޓަރު ދީނާ ހުސައިން އަދި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒުގެ އިތުރުން އަންނަ އަހަރު މި ދުވުން ބާއްވާ ލާމު އަތޮޅުން އެ އަތޮޅު ކައުންސިލް ރައީސް، އިސްމާއިލް އަލީ ވެސް ބައިވެރިވެ ވަޑައިގަތެވެ.

އުރީދޫން ބުނީ މި ރަން ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓު ކުރުމުގެ އިތުރުން މުޖުތަމައުގެ އެއްބައިވަންތަކަމާއި އަދި އުފާވެރިކަން ފާހަގަކުރާ ދުވުމެއް ކަން ދައްކުވައިދިނުން ކަމަށެވެ.

ހަރަކާތުގައި ކޮންމެ ކިލޯމީޓަރެއްގައި ދުވުންތެރިންނަށް މަރުހަބާ ކިޔަން ފަން ސްޓޭޝަންތައް ހުއްޓެވެ. އަދި ކޮންމެ ކިލޯ މީޓަރެއްގައި ކުލަ ޖެހުމާއި އޮބްސްޓެކަލަސްތައް ހުރަސްކުރުން އޮތެވެ. މި ރަން އިތުރަށް ފޯރިގަދަ ކުރުމުގެ ގޮތުން ފޯމް ޕާޓީއެއް ވެސް އޮތެވެ.

މި ދުވުން ނިމުނުއިރު ބައިވެރިން ވަނީ އެޑްވެންޗާ އަޕްގެ ބުލް ބޭޝް އާއި ގްލެޑިއޭޓާ ޑުއެލްގެ އުފާވެރިކަން ވެސް ފާހަގަކޮށްފައެވެ.

ސޯޝަލް މީޑިއާޕްލެޓްފޯމްތަކުގައި ބައިވެރިންގެ ދުވުމުގެ އުފާވެރިކަމާއި ފަން ރަންގެ މެޑަލް ދައްކާލައި، ފޯމާއި ކުލައިން ފުރިފައިވާ އުފާވެރި ގިނަ ފޮޓޯތައް ވަނީ ހިއްސާ ކޮށްފައެވެ.

މި އަހަރުގެ އުރީދޫ ފަން ރަން ގެ ކާމިޔާބީއާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު ވިދާޅުވީ ”އުރީދޫ ފަން ރަން އަކީ ހަމައެކަނި ދުވުމެއް ނޫން. ފަން ރަން އަކީ ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ބާރު އެޅުމުގެ އިތުރުން ދިވެހި މުޖުތަމައުގެ ރޫހު ދައްކުވައިދޭ އުފާވެރި ހަރަކާތެއް. ބައިވެރިންގެ ފަރާތުން ފެނުނު ހިނިތުންވުމާއި އުފާވެރިކަމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް“ ކަމަށެވެ.

އުރީދޫން ބުނީ، އަންނަ އަހަރުގެ ފަން ރަން އަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ހުޅުމާލޭގެ އިތުރުން ރީޖަނަލް އުރީދޫ ފަން ރަން 2024 ލާމުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.