މިއީ ސައްތައިން ސަައްތަ އިސްލާމީ ގައުމެކޭ އަޅުގަނޑުމެން ދިވެހީން ބުނަނީ ވަރަށް ފަހުރުވެރިކަމާއެކުގައެވެ.

Ads by Asuru

އެއީ އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ މަތިވެރި ނިއުމަތް ކަމުގައިވެސް އެބަ ދެކެމުއެވެ. އެހެންނަމަވެސް މިހާރު އަޅުގަނޑުމެންގެ މި ކުޑަ ކުޑަ މުޖްތަމައުން ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، މިއީ ސަތޭކަ އިންސައްތަ އިސްލާމީ ގައުމެކޭ ބުނަން ލަދުވެެތިވާ ހިސާބަށް ކަންކަން އެބަދެއެވެ.

އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ އެތައް ކަމަކަށް އެއްވެސް ބިރެއް ނެތި އަރައިގަންނަމުންދާއިރު، އެކަންކަމާ ގުޅުވައި ”ޖޯކު“ތައް ޖަހަމުން ދަނީ އެފަދަ ކަންކަމަކީ އާދައިގެ ކަންކަން ކަމުގައި ދެކިގެން ހެންވެސް ހީވެއެވެ.

ދާދި ފަހުން، ގިނަ ދިވެހި ފިރިހެނުންތަކެއް ބަންގްލަދޭޝްގެ މީހަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރުތައް ފެންނަ ފޮޓޯ އާއި ވީޑިއޯތައް ލީކުވުމުން ދިވެހީންގެ ލޭ ކައްކުވާލިއެވެ.

މީސްމީޑިއާއަށް ރުޅިވެރިކަމުގެ ޝުއޫރުތައް ބަންޑުން ކުރަން ފެށިއެވެ. ނަމަވެސް ފަހުން ފެންނާން ފެށީ އެކަމަށް ޖޯކު ޖަހައި ތަފާތު އެކި ބަސްތައް ބޭނުން ކުރަން ފެށިތަނެވެ. އެެއްޖިންސުން ގުޅުން ހިންގައިގެން ވީޑިއޯއެއް އާންމުވި ޚަބަރު ލިބުމުން، ސަދޫމް ސިޓީ ފަދަ ނަންތައް ބޭނުންކޮށް ހެއްވާ ޓްވީޓެއް ކޮށްލެވޭތޯ އުޅޭ މީހުން ގިނަވާން ފެށިއެވެ. އެންމެފަހުން އަޅުގަނޑުމެން މުސްލިމުން އަންނަ އުފާވެރި އީދުގެ ފޯރިވެސް ގުޅުވާލީ މި ނުބައި ފާހިޝް އަމަލު ކުރާ މީހުންނާއެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ އަންހެނަކު އީދު ޝޯ ދޭން ގެންގޮސް މަރުހަބާ ކިޔާލިއިރު، ދެން ފެނިގެން ދިޔައީ ކުޑަކުދިންވެސް އެއްވެ ބަލަން ތިބި ޕެރޭޑެއްގައި އެެއްޖިންސުން ގުޅުން ހިންގަން ބޭނުންކުރި ކޮޓަރިއެއް ސިފަވާ ގޮތަށް މާލިތައް ހަދައި ނެރުނު ތަނެވެ.

މިފަދަ ކަންކަމުގެ ސަބަބުން އަޅުގަނޑުމެންނަށް، އަންނާން އޮތް ޖީލުތަކަށް މި ދެވެނީ ކޮން މެސެޖެއްތޯއެވެ؟ ޕްރޮމޯޓް މި ކުރެވެނީ ކޯޗެއްތޯއެވެ؟ މިއީ ވިސްނާލުން މުހިންމު ކަންކަމެވެ. މުސްލިމުންނަށް ވީތީ އަޅުގަނޑުމެން ގަބޫލު ކުރާ ގަބޫލު ކުރުންތަކެއް އެބަހުއްޓެވެ. އެކަންކަން އެއްވެސް އިރެއްގައި އަޅުގަނޑުމެންގެ ހަނދާނުން ކައްސާލައިގެން ނުވާނެއެވެ.