ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު ލިބޭ ހާއްސަ ލަކީ ޑްރޯއެއް، އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.

Ads by Asuru

އުރީދޫން މި ލަކީޑްރޯ ފަށާފައިވަނީ، ”ވޯލްޑް ކަޕް ފޯރީ 2022“ ކެމްޕެއިންގެ ދަށުން ހަތަރު ނަސީބުވެރި ކަސްޓަމަރަކަށް މި ފުރުސަތު ލިބޭނެ ގޮތަށެވެ.

މި ލަކީޑްރޯ ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 31 ގެ ނިޔަލަށެވެ. މި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތްތައް ހޮވާ އިޢުލާން ކުރާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ ސެމީ ފައިނަލް ބަލާލުމުގެ ފުރުސަތުގެ އިތުރުން ލަކީ ޑްރޯގެ ބައިވެރިންގެ ތެރެއިން ކޮންމެ ހަފްތާއަކު ވެސް ވޯލްޑް ކަޕް މާޗެންޑައިޒް އާއި އެހެންވެސް އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އުރީދޫ ވޯލްޑް ކަޕް ފޯރި ލަކީ ޑްރޯ އިއުލާނުކޮށްފައިވަނީ އެ ކުންފުނީގެ 17 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ބޭއްވި ހާއްސަ ފުޓްބޯޅަ އިވެންޓެއްގައެވެ. މި ހަރަކާތް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލްޙަމާދީއެވެ.

ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ކުރިއަށްދަނީ މިއަހަރުގެ ނޮވެމްބަރު 21 އިން ޑިސެމްބަރު 18ގެ ނިޔަލަށެވެ.