ރާއްޖޭގެ އުފެދިފައިވާ ގޭމިން ކޮމިއުނިޓީއަށް އަދި ގޭމް ކުޅޭ ހުރިހާ މީހުނަށް ބައިވެރިވެވޭ ގޮތަށް، އުރީދޫ އިން ކުރިއަށް ގެންދާ ”އުރީދޫ ނޭޝަން ގޭމާސް ލޭންޑު 2024“ ގެ ހަރަކާތްތައް ރޭ އިފްތިތާހު ކޮށްފިއެވެ.

Ads by Asuru

މުޅި އަހަރަށް ބަހާލައިގެން ބާއްވާ އީއޭއެފްސީ 24، މޮބައިލް ލެޖެންޑްސް އަދި ޕަބްޖީ ޓޯނަމަންޓްތަކުގެ ޖުމްލް ޕްރައިޒް ޕޫލްއަކީ 700،000 ރުފިޔާއެވެ.

މި އަހަރުގެ އުރީދޫ ނޭޝަންގައި އިންޓަ ސްކޫލް، އިންޓަ ޔުނިވާސިޓީ/ކޮލެޖު، އިންޓަ އޮފިސް، އިންޓަ ރިސޯޓު މުބާރާތްތައް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު ވިދާޅުވީ އުރީދޫއަކީ ރާއްޖޭގެ މުވާސަލާތީ ހިދުމަތަށް އިންގިލާބެއް ގެނެސްދީފައިވާ ކުންފުންޏެއް ކަމަށާ އަދި ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ މުބާރާތްތަކުގައި އާމްދަނީ ލިބޭނެ ގޮތްތައް ވެސް ފަހިކޮށްދެމުން އަންނަކަމަށެވެ.

”ޒުވާނުންނަށްވެސް އަދި ގޭމު ކުޅޭ ހުރިހާ ފަރާތްތަކަށްވެސް ޔަގީންވާނެ ކަމަކީ އުރީދޫއިން ރާވާ މުބާރާތްތަކަކީ ފެންވަރު ރަގަޅު މުބާރާތްތަކެއްކަން. އަދި މި ފެންވަރުގައި އީ ސްޕޯޓްސްއަށް އުރީދޫއިން ދޭ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން“ އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024 މި ލޯންޗު ކުރެވުނީ ދިވެހިރާއްޖޭގައި ގޭމު ކުޅުމަށް ޝައުގުވެރިވާ ހުރިހާ އެންމެނަށް ބައިވެރިވެވޭ ގޮތަށްކަމަށެވެ.

އަދި އުރީދޫއިން އަބަދުވެސް ބަލަމުން މިދަނީ އީޖާދީ އަދި ކަސްޓަމަރުންނާއި ގުޅުގެން ކުރެވޭ ކަންތައްތައް އިތުރުކުރުމަށް ކަމަށެވެ.

”މިއަހަރު އަޅުގަނޑުމެން މި މުބާރާތް ރާއްޖެއިން ބޭރަށް ގެންދިއުމަށްވެސް މަސައްކަތް މިދަނީ ކުރަމުން.“ ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އުރީދޫ އިން ބުނީ ގޭމަރުންގެ މެދުގައި އެންމެ މަގުބޫލު ނެޓްވާކު، އުރީދޫ މޯލްޑިވްސް އިން މިއަހަރަށް ރާވައިފައިވަނީ ހާއްސަ ޝައުގުވެރި މުބާރާތްތަކެއް ކަމަށެވެ.

އަދި މިއަހަރު ”އަލްޓިމޭޓް ޕްލޭޔާ“ ޓްރޮފީ އަށް ވާދަކުރުމުގެ ފުރުސަތު ހުރިހާ ބައިވެރިންނަށްވެސް ހުޅުވާލެވޭނެކަމަށް އު ކުންފުނިން ވަނީ ބުނެފައެވެ.

”އަލްޓިމޭޓް ޕްލޭޔަ“ އަކީ ގޭމަރުންގެ ތެރެއިން ހޮވާލެވޭ މޮޅު ފަންނާނެކެވެ. އަދި އެހެން ކުޅުންތެރިންނަށް ނަމޫނާ ފަރާތަކަށް ވެގެންދާނެއެވެ. މިއީ ރާއްޖޭގައި މިފަދަ ފަންނާނެއް ހޮވޭ ފުރަތަމަ ފަހަރެވެ.