މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.27 ރުފިޔާ ބަހަން އުރީދޫގެ އަހަރީ އާންމު ޖަލްސާގައި  ފާސްކޮށްފިއެވެ.

Ads by Asuru

އުރީދޫން ވަނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފައެވެ. ސެންޓްރަލް ޕާކުގައި ބޭއްވި އެ ޖަލްސާގައި އެ ކުންފުނީގެ 132 ހިއްސާދާރުން ބައިވެރިވިއެވެ. އަދި ޕްރޮކްސީގެ ގޮތުގައި 60 ފަރާތުން ބައިވެރިވިއެވެ.

ހިއްސާއަކަށް 3.27 ރުފިޔާ ބަހަން ފާސްވީ ހިއްސާދާރުންގެ 82.7 ޕަސެންޓް ވޯޓުންނެވެ. އެގޮތުން ހިއްސާދާރުންނަށް ޖުމުލަ 484 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެއެވެ.

އުރީދޫއިން 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ 3.04 ރުފިޔާއެވެ.

އުރީދޫގެ ބޯޑަށް އާއްމު މެމްބަރުންގެ ފަރާތުން ކުރިމަތިލެއްވީ މުހައްމަދު ޝާހިދާއި ފަރީހާ ޝަރީފެވެ. އެ ދެބޭފުޅުންގެ ތެރެއިން ހިއްސާދާރުންގެ 1053 ވޯޓާއެކު ބޯޑަށް އިންތިހާބުކުރީ ޝާހިދެވެ. މިހާރުވެސް ބޯޑުގައި އިންނަވާ ފަރީހާއަށް ލިބިލެއްވީ 698 ވޯޓެވެ.