އީ-ކޮމާސް ޕްލެޓްފޯމް މޫލީން ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވާލަދީ، ރާއްޖެއަށް ފުރިހަމަ އޮންލައިން ވިޔަފާރިކުރުމުގެ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ކާމިޔާބު ތިން އަހަރު ފާހަގަކޮށްފިއެވެ.

Ads by Asuru

މޫލީ ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ އޮގަސްޓް 7، 2019 ގައެވެ.

 

މިއަދު ކަސްޓަމަރުންގެ ހިދުމަތުގައި މޫލީ ކާމިޔާބު ތިން އަހަރު ފާހަގުކުރުމުން ދާއިރު، 20،000 އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫން ބުނިގޮތުގައި މި ޕްލެޓްފޯމް މެދުވެރިކޮށް 18 ކެޓެގެރީއަކުން، މަގުބޫލުކަން ހޯދާފައިވާ 50 އަށް ވުރެ ގިނަ ކުންފުންޏެއްގެ ކޮލީޓި އެތައް ޕްރޮޑަކްޓެއް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ވިޔަފާރިކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވައިދެއެވެ.

މި ހާއްސަ ލަނޑުދަނޑި ފާހަގަ ކުރަމުން މޫލީ ޕްލެޓްފޯމުން ވިޔަފާރި ކުރާ ފަރާތްތަކަށާއި ޕާޓްނަރުންނަށް މޫލީ ޓީމުން ވަނީ ފަށްފަށުން ޝުކުރު އަދާކުރައްވާފައެވެ. ހަމަ އެއާއެކު އޮގަސްޓް މަހުގެ ތެރޭގައި ހާއްސަ ހަދިޔާތަކާއެކު މުނިފޫހިފިލުވުމާ އިންޓަރެކްޓިވް އޮންލައިން އެންގޭޖްމަންޓް ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މޫލީގެ ތަސައްވަރާ އެއްގޮތަށް، ކަސްޓަމަރުންނާއެކު އިތުރު ގާތް ގުޅުމެއް އާލާކޮށް ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މޫލީ އިން ވަނީ ކޯވިޑް-19ގެ ޕެންޑެމިކްގެ ދަނޑިވަޅުގައި ވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ ކަސްޓަމަރުންނާ ވިޔަފާރިތައް ގުޅުވާލަދީ، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާތަކެތި ސަލާމަތާއި ރައްކާތެރިކަމާއެކު ގޭގައި ތިބެގެން ތަކެތި ގަތުމުގެ ފުރުސަތު ފަހިކޮށްދީ، ނަމޫނާ މިސާލެއް ދައްކާފައެވެ.