އުރީދޫ މޯލްޑިވްސް އާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އަދި އެޗްޑީސީ ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެ ދުވަހަށް ދެމިގެންދާ ފެސްޓިވަލެއް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ.

Ads by Asuru

”އުފާ ފެސްޓިވަލް“ ކުރިއަށްދާނީ 10 އަދި 11 މޭ 2024ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން ދިހަޔަކަށެވެ.

ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ މަގުސަދުގައި ބާއްވާ މި ފެސްޓިވަލަކީ އާއިލާއާއެކު ވަގުތު ހޭދަކޮށްލާ މަޖާ ކުރެވޭ ގޮތަށް ރާވާފައިވާ ފެސްޓިވަލެކެވެ.

މި ފެސްޓިވަލުގައި މުނިފޫހިފިލުވުގެ ގިނަ ހަރަކާތްތަކާއި އެކި ގޭމުތަކާއި ކުޅިވަރު ހިމެނޭ ގިނަ ސްޓޯލްތަކެއް ހިމެނެއެވެ. އުފާ ފެސްޓިވަލުގައި އެންމެ ހާއްސަ އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރަނީ އުރީދޫގެ ފަރާތުން ބާއްވާ ފެންކުޅި އަދި ފޯމް ޕާޓީއެވެ.

އަމިއްލަ ފެންބަޑި ހިފައިގެން އައިސް 11 ވަނަ ދުވަހު ހަވީރު 4އަކާއި 6ކާ ދޭތެރޭ މި މަޖަލުގައި ހުރިހާ ކުދިންނަށްވެސް ބައިވެރިވެވޭނެއެވެ.

އުރީދޫގެ ފަރާތުން މި ފެސްޓިވަލުގައި 11 ވަނަ ދުވަހުގެ ރޭ 8 ޖަހާއިރު މޫވީ ނައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މޫވީ ނައިޓުގައި ދެއްކުމަށް ހަމަޖެހިފައިވަނީ ”ވުޑީ ވުޑްޕެކަރ ގޯޒް ޓު ކޭމްޕް“، މި ފިލްމެވެ.

ސެންޓްރަލް ޕާކުގެ ހިތްގައިމު މާހައުލުގައި އާއިލާއާއި ރައްޓެހިންނާއިއެކު މި ހަފްތާބަންދު ހޭދަކޮށްލުމަށް މިއީ ރަނުގެ ފުރުސަތެއް ކަމަށް އުރީދޫން ބުނެއެވެ.