އުރީދޫގެ ތަސައްވަރާ އެއްގޮތްވާ ގޮތުގެ މަތިން، ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް އެކި ސިނާއަތްތައް ހިމެނޭހެން މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން މިސް ފާތިމާ އަލް ކުވާރީ ވަނީ ރާއްޖޭގެ މިނިސްޓީރިއަލް ޑެލެގޭޝަންއަކަށް ދައުވަތު ދީ، ގަތަރުގެ ދޯހާގައި ހުންނަ މުހިންމު ވުޒާރާތަކާއި މުއައްސަސާތަކާއެކު ބައްދަލުވުންތައް ބޭއްވުމަށް މަގު ފަހިކޮށްދީފައެވެ.

Ads by Asuru

އުރީދޫއިން ބުނީ، މި ބައްދަލުވުންތަކަކީ އެކުންފުނިން އިސްނަގައިގެން، ގަތަރާއި ރާއްޖެއާ ދެމެދު ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ކުރެވިދާނެ ކަންކަމާއި ވުޒާރާތަކާއި މުއައްސަސާތަކުގެ ކުރިއެރުމަށް ކަންކަން ކުރާނެ އެންމެ ރަނގަޅު ގޮތްތަކާއި މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުންތަކެކެވެ.

މި ބައްދަލުވުންތަކުގައި ރާއްޖެއިން، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އޮނަރަބަލް އާމިނަތު ޝައުނާއާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން، އޮނަރަބަލް އައިޝަތު އަލީއާއި، މިނިސްޓަރ އޮފް އާޓްސް އެންޑް ކަލްޗަރ އޮނަރަބަލް ދުންޔާ މައުމޫނުގެ އިތުރުން މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުކުރެއްވި ގަތަރުން ބައިވެރިވަޑައިގެންނެވި މިނިސްޓަރުންގެ ތެރެއިން، މިނިސްޓްރީ އޮފް އެޑިއުކޭޝަން، ބުތައިނާ ބިންތު ޢަލީ އަލްނުއައިމީއާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް، ޝެއިހް ޑޮކްޓަރ ފަލިހް ބިން ނާސިރު ބިން އަހްމަދު ބިން އަލީ އާލް ސާނީއާއި، މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ، ޝެއިހް މުހައްމަދު ބިން އަލީ އާލް މަނާއީއާއި، މިނިސްޓަރ އޮފް ކަލްޗަރ، އާޓްސް އެންޑް ހެރިޓޭޖް، ޝެއިހް އަބްދުއްރަޙްމާން ބިން ހަމަދު އަލް ޘާނީ ހިމެނިވަޑައިގަންނަވައެވެ.

މި ދަތުރުގައި އުރީދޫ ގެ އިސް މނޭޖްމެންޓް ޓީމުގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ޙުސައިން ނިޔާޒް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގަތަރުގެ މިނިސްޓްރީތަކާއެކު ބޭއްވި ބައްދަލުވުންތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ލައިބްރަރީ ފެންވަރު ރަނގަޅުކޮށް އަޕްގްރޭޑްކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ޤަތަރު ފައުންޑޭޝަންއާއި ކަމާބެހޭ މުހިންމު މުއައްސަސާތަކަށް ޒިޔާރަތްކުރުމުގެ މަގުވެސް އުރީދޫއިން ވަނީ ފަހިކޮށްދީފައެވެ.

މީގެ އިތުރުން ގަތަރުގެ ގައުމީ ދާރުލްއާސާރާއި، ކަތާރާ ކަލްޗަރަލް ވިލެޖާއި، އާރޓް ގެލަރީއާއި، ވަރކްޝޮޕްތަކާއި އެގްޒިބިޝަންތައް ބާއްވާ ތަންތަނާއި، ޕަރފޯމަންސް އެރީނާތަކުގެ އިތުރުން އެހެނިހެން ސަގާފީ ދާރުލްއާސާރުތައް ވަނީ ޒިޔާރަތްކޮށްފައެވެ.

މި ބައްދަލުވުންތަކާއެކު އުރީދޫގެ އަމާޒަކީ ގަތަރާއި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ކުރިއެރުން ހޯދުމަށް، ހިޔާލު ބަދަލުކޮށް، ޕާޓްނާޝިޕްތައް ގާއިމްކުރުމެވެ.