އައްޑޫ ފިޝަރީޒް ކޮންޕްލެކްސް (އޭއެފްސީ)ގައި މަސްވެރިން ކުރަމުންދާ މުޒާހަރާ ހޫނުވެ، މަސްވެރިންގެ ޑިމާންޑުގެ ސަބަބުން އޭއެފްސީގެ މުވައްޒަފުންނަށް އަސާސީ ބޭނުންތައް ފުއްދުމަަށް ވެސް ދަތި ވެއްޖެއެވެ.

Ads by Asuru

މަސްވެރިން ކުރަމުންދާ މުޒާހަރާއާއި ގުޅިގެން އޭއެފްސީގެ އޮޕަރޭޝަން ވަގުތީ ގޮތުން ހުއްޓިފައިވާއިރު، އެތަނުގައި ދިވެހިންނާއި ބިދޭސީން ހިމެނޭހެން 100 އަށްވުރެގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ.

މިފްކޯ އިން ބުނީ، އިއްޔެގެ މުޒާހަރާގައި މަސްވެރިން ވަނީ ސްޓާފް ކެންޓީން ތަޅުލާފައި ހުއްޓާ، ކުޑަ ދޮރުން ވަދެ، އެތަނުގައި ހުރި ކާބޯތަކެތި ބޭނުންކޮށްފައި ކަމަށެވެ.

އަދި މަސްވެރިންގެ ޑިމާންޑާ އެއްގޮތަށް އެކޮމޮޑޭޝަން ބްލޮކުން ކަރަންޓު ކަނޑާލުމުން، ރެއިން ފެށިގެން، އޭއެފްސީގެ މުވައްޒަފުން ނިދަނީ ބޭރުގައި ސަތަރި އަޅައިގެން ކަމަށް ވެސް މިފްކޯގެ ފަރާތުން މަޢުލޫމާތު ލިބެއެވެ.

އަދި މިކަމުގެ ސަބަބުން ކެއިން ބުއިމާއި ފާހާނާ ކުރުން ފަދަ، މުވައްޒަފުންގެ ޒަރޫރީ ބޭނުންތަކަށް ވެސް ވަނީ ހުރަސް އެޅިފައެވެ.

އިއްޔެ 14:40 އިން 17:09 އަށް ސައިޓްގެ އެއްވެސް ގޮތަކަށް ކަރަންޓް ނެތި ޕަވަރ އޮފް ކުރެވި ސިސްޓަމް ޝަޓްޑައުން ކުރެވިފައިވާއިރު، 17:09 އިން މިއަދުގެ މިވަގުތާއި ހަމައަށް، މަސްވެރިންގެ ޑިމާންޑްގެ ސަބަބުން އެކޮމޮޑޭޝަން ބްލޮކާއި، އެޑްމިން ބްލޮކްސް، މިސްކިތް، ކެފޭ އިން ވަނީ ކަރަންޓް ކަނޑާލެވިފައި ކަމަށް މިފްކޯ އިން ބުންޏެވެ.

”ރޭގަ ފުލުހުން ރިކުއެސްޓު ކޮށްގެން، އޭއެފްސީއަށް ކަރަންޓު ދިނުމުން، މަސްލަހަތު ގެއްލި، ތަނާއި މުދަލާއި، ތަނުގެ ސްޓާފުންނަށް އެކަމުގެ ސަބަބުން ގެއްލުން ލިބިދާނެ ފަދަ، ހާލަތަކަށް ހިނގައިދާނެ ކަމަށް ކުންފުންޏަށް ގަބޫލު ކުރެވުމުން، ކަރަންޓު ފަހުން ޖެހުނީ ކަނޑާލަން.“ މިފްކޯ އިން ބުންޏެވެ.

މަސްވެރިން އެދެމުންދަނީ އެތަނުގެ އެކޮމޮޑޭޝަނާއި، އެޑްމިން ބިލްޑިން، ައަދި ކެފެޓީރިއާ އިން ކަރަންޓު ކަނޑާލާފައި ބެހެއްޓުމަށެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ބައެއް ދޯނިފަހަރުތަކުން ބުރާސްފަތި ދުވަހުން ފެށިގެން ހިންގަމުންދާ އިހުތިޖާޖުގައި އެ ފެސިލިޓީގައިހުރި މިފްކޯގެ މުދަލަށް ގެއްލުންދީ، މުވައްޒަފުންގެ އަސާސީ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅޭހެން ޢަމަލުތައް ބަހައްޓަމުން ގެންދާތީ މިކަން ޙައްލު ކުރުމަށް މިފްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.

މިފްކޯގެ މުވައްޒަފުން ބޭރުގައި ނިދަނީ

މިފްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖާއި ޕަވަރ ހައުސް އިމާރާތްތާއި، މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދު ފަދަ ހުއްދަ ލިބިގެން ނޫނީ ވަނުން މަނާ ސަރަހައްދުތަކަށް ވަދެ، ތަނުގެ އޮޕަރޭޝަން ހުއްޓޭފަދަ ގޮތަކަށް އިހުތިޖާޖުގެ ބައިވެރިންގެ އަމަލުތައް ބަހައްޓާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

މިފްކޯގެ މުވައްޒަފުން ބޭރުގައި ނިދަނީ

”މިގޮތުން މުވައްޒަފުންގެ ކެންޓީނަށް ގެއްލުންދީ، އެކަމޮޑޭޝަން އޭރިއާއަށް ރޭގައި ކަރަންޓު ދޭން ފުރުސަތު ދީފައިނުވާތީ، ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކެއުމާއި، ނިދުމާއި ފާޚާނާކުރުންފަދަ ޒަރޫރީ ކަންކަމަށް ބުރޫއަރާފައިވާކަން ފާހަގަކުރަމެވެ.“ މިފްކޯއިން ބުންޏެވެ.

2023 ވަނަ އަހަރު ނިމުނުއިރު މަސްވެރިންނަށް ނުދެއްކި ހުރި 234 މިލިއަން ރުފިޔާ ޚަލާސްކޮށް، މިއަހަރުގެ މިހާތަނަށް މަސް ދޯނިފަހަރަށް 766 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއަށް މަސް ގަންނަނީ ކިލޯއަކަށް 8ރ ގެ ގެއްލުމެއްގައިކަމުން، މަސްދޯނިފަހަރުން މިފްކޯއަށް ކިރުވާފައިވާ މަަހަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހެނީ ސަރުކާރަށް ބަރޯސާވެގެންކަން އެ ކުންފުނިން ފާހަގަކުރެއެވެ.

”އެހެންކަމުން އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރާއިއެކީ މަސައްކަތްކުރަމުން ގެންދާއިރު، ފައިސާ ދެއްކުން ލަސްވެގެން ދިއުމަކީ މިކުންފުނިން ހިތާމަކުރާ ކަމެކެވެ. އަދި މިކަމާއިގުޅިގެން ގާނޫނީ އިމުގެތެރެއިން ކުރެވޭ އިހުތިޖާޖުތައް ބަލައިގަންނަމެވެ.“ މިފްކޯގެ ބަޔާނުގައި ވެއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ހިނގަމުންދާ އިހުތިޖާޖުތަކާއި ގުޅިގެން ތަނުގެ އޮޕަރޭޝަން ހުއްޓު ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވަމުންދާތީ، ތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

އަދި ތަން އޮޕަރޭޝަނަށް ގެނެސް، ޢާންމު ހާލަތަކަށް ގެނައުމަށް މިފްކޯގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކާއި، ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނިފަހަރުން މިފްކޯއަށް މަސްގަތުން ތިން މަސް ދުވަހަށް ސަސްޕެންޑު ކުރެވޭނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

މިފްކޯ އިން އެދެނީ މަސްވެރިންގެ އިހުތިޖާޖު ވީހައިވެސް ސުލްހަވެރިކަމާއެކު ކުރިއަށް ގެންދާށެވެ. އަދި މުވައްޒަފުންގެ ޒަރޫރީ ބޭނުން ތަކަށް އުނިކަން އަންނަފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރަމުން މިފްކޯއިން ވަނީ މުވައްޒަފުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކަމާއިބެހޭ އިދާރާތަކާ ގުޅިގެން ކުރާނެ ކަމަށް ބުނެފައެވެ.