މުޖުތަމައުގައި ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ހިއްސާވުމަށް ސްޓެލްކޯ އިން މޯލްޑިވިއަން ބްލަޑް ސާރވިސަސްއާއި ގުޅިގެން މިއަދު ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

Ads by Asuru

ސްޓެލްކޯ އިން ބުނީ، މުޖްތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ފަހުރުވެރިކަމާއިއެކު ޝުކުރުދަންނަވާ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، މިކަމަށް ކުންފުނިތެރޭގައި ރަނގަޅު ތަރުހީބެއް އޮންނަ ކަމަށާއި، ކޮންމެ އަހަރަކު ވެސް މިފަދަ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮގުރާމުގައި ލޭ ހަދިޔާ ކުރުމަށް 100 އާއި ގާތްކުރާ އަދަދަކަށް މުވައްޒަފުން ވޮލެންޓިއާ ކޮށްފައިވާ ކަމަށްވެސް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.

ސްޓެލްކޯ އިން ބުނީ، މުޅި މުޖްތަމައުގެ ލާބަޔާ މަންފާއަށްޓަކައި ހިންގޭ މިފަދަ ހަރަކާތްތަކަށް އެ ކުންފުނިން ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.