ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން އަޅަން ނިންމާފައިވާ.މުހިންމު ބައެއް ފިޔަވަޅުތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

Ads by Asuru

އެމަނިކުފާނު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަޤާމުތަކުގައި ތިބި މީހުންގެ އަދަދު މަދު ކުރުމާއި، އަންނަ މަހުގެ 26 ވަނަ ދުވަހު ބާއްވާ މިނިވަން ދުވަހުގެ ހަރަކާތްތައް މަދު ކުރުން ވެސް ހިމެނެއެވެ.

”މީގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ. މިގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައި.“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސް މިހެން ވިދާޅުވިއިރު، ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، އިގްތިސާދީ އަނދަވަޅަކުން ސަލާމަތް ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ވަނީ ޖެހިފައެވެ.

މިކަމަށް ސަރުކާރުން ވަރަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާއިރު، އިސްލާހީ މަސައްކަތްތަކުގެ ތެރެއިން މިއަހަރު މިހާތަނަށް ސަރުކާރުގެ ޚަރަދުތައް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑަށް ވަނީ ކުޑަކޮށްފައެވެ.

އެގޮތުން މިދިޔަ ޖޫން 20 ގެ ނިޔަލަށް އޭރުގެ ސަރުކާރުން 22.22 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މި އަހަރުގެ މިހާތަނަށް މި ސަރުކާރުން ޚަރަދުކުރީ 17.8 ބިލިޔަން ރުފިޔާއެވެ.

އެހެންކަމުން 4.4 ބިލިޔަން ރުފިޔާއަށް ދައުލަތުގެ ޚަރަދުތައް މިވަނީ ކުޑަކުރެވިފައި ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކައެވެ.

ު

ި