ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކުރުމުގެ މުޙިންމު ފިޔަވަޅުތަކެއް އަޅުއްވަން ނިންމެވިކަމަށްޓަކައި ޕީޕީއެމް/ޕީއެންސީ އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް މަރުޙަބާ ދަންނަވައި ޝުކުރު އަދާކޮށްފިއެވެ.

Ads by Asuru

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖެ ވައްޓާލާފައިވާ އިޤުތިޞާދީ އަނދަވަޅުން ނަންގަވައި ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކުރުމުގެ މުޙިންމު ފިޔަވަޅުތަކެއް ރައީސް މުޢިއްޒު އަޅުއްވަން ނިންމަވާ އެކަން އިޢުލާނު ކުރެއްވިކަމަށްޓަކައި އެކޯލިޝަންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އިޚުލާސްތެރިކަމާއެކު މަރުޙަބާ ދަންނަވައި ޝުކުރު އަދާކުރާ ކަމަށެވެ.

”ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފައެވެ. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަފްލާތަކަށް ކުރާ ޚަރަދުތައް މަދު ކުރެއްވުން ފަދަ ކަންކަން ހިމެނެއެވެ. އަދި އެނޫންވެސް އިތުރު ފިޔަވަޅުތައް އަޅުއްވާނެކަން ވަނީ ހާމަކުރައްވާފައެވެ.“ ބަޔާނުގައިވެއެވެ.

އަދި ރައްޔިތުންނަށް އޭގެން މާބޮޑު ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް މާލީ ނިޒާމް ހަރުދަނާ ކުރެއްވުމަށް ވިސްނަވާ އަޅުއްވަން ނިންމެވި ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށްވުރެ ބޮޑަށް، ޤައުމީ ވިސްނުމަކުން ވިސްނަވާ އަޅުއްވާ ފިޔަވަޅުތަކެއްކަމަށް ޤަބޫލުކުރާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

”އަދި މިކަމުގައި ރައީސުލްޖުމްހީރިއްޔާ އާއިއެކު އެ ކޯލިޝަން ސާބިތުވެ ތިބޭނެ ކަމުގެ ޔަޤީންކަންވެސް އަރުވަމެވެ.“

ބަޔާނުގައިވެއެވެ.

ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކުރުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތުގައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލައްވާ އެމަނިކުފާނަށް ސާބިތުކަން ދެއްވުމަށް އެދޭ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ރައީސް މުއިއްޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަޤާމުތަކުގައި ތިބި މީހުންގެ އަދަދު މަދު ކުރުމާއި، އަންނަ މަހުގެ 26 ވަނަ ދުވަހު ބާއްވާ މިނިވަން ދުވަހުގެ ހަރަކާތްތައް މަދު ކުރުން ވެސް ހިމެނެއެވެ.

”މީގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ. މިގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައި.“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސް މިހެން ވިދާޅުވިއިރު، ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، އިގްތިސާދީ އަނދަވަޅަކުން ސަލާމަތް ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ވަނީ ޖެހިފައެވެ.

މިކަމަށް ސަރުކާރުން ވަރަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާއިރު، އިސްލާހީ މަސައްކަތްތަކުގެ ތެރެއިން މިއަހަރު މިހާތަނަށް ސަރުކާރުގެ ޚަރަދުތައް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑަށް ވަނީ ކުޑަކޮށްފައެވެ.