ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ސިޔާސީ ވިސްނުންފުޅަށްވުރެ، ގައުމީ ވިސްނުން އިސްކުރައްވާ ކަމީ، ރައްޔިތުންނަށް އޮތް އެންމެ ބޮޑު އުއްމީދު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް ބައެއް މުހިންމު ފިޔަވަޅުތައް އެޅުމަށް ރައީސް މުއިއްޒު ވަނީ ނިންމަވައިފައެވެ.

މިކަމަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވީ، ދިވެހިރާއްޖެ ވައްޓާލާފައިވާ ފުން އިޤްތިޞާދީ އަނދަވަޅުން ސަލާމަތްކޮށް ދިވެހީންގެ މުސްތަޤުބަލަށްޓަކައި ރައީސް ތިޔަނިންމަވާ ނިންމެވުންތަކަކީ ސިޔާސީ ލީޑަރުން ފަސްޖެހޭ ނިންމެވުންތަކެއް ކަމަށެވެ.

”ސިޔާސީ ވިސްނުންފުޅަށްވުރެ ޤައުމީވިސްނުންފުޅު އިސްކުރައްވާކަމީ ރައްޔިތުންނަށް އޮތް އެންމެބޮޑު އުއްމީދު“ ޝިޔާމް ވިދާޅުވިއެވެ.

ރައީީސް މުއިއްޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަޤާމުތަކުގައި ތިބި މީހުންގެ އަދަދު މަދު ކުރުމާއި، އަންނަ މަހުގެ 26 ވަނަ ދުވަހު ބާއްވާ މިނިވަން ދުވަހުގެ ހަރަކާތްތައް މަދު ކުރުން ވެސް ހިމެނެއެވެ.

”މީގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ. މިގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައި.“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސް މިހެން ވިދާޅުވިއިރު، ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، އިގްތިސާދީ އަނދަވަޅަކުން ސަލާމަތް ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ވަނީ ޖެހިފައެވެ.

 

މިކަމަށް ސަރުކާރުން ވަރަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާއިރު، އިސްލާހީ މަސައްކަތްތަކުގެ ތެރެއިން މިއަހަރު މިހާތަނަށް ސަރުކާރުގެ ޚަރަދުތައް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑަށް ވަނީ ކުޑަކޮށްފައެވެ.

 

އެގޮތުން މިދިޔަ ޖޫން 20 ގެ ނިޔަލަށް އޭރުގެ ސަރުކާރުން 22.22 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މި އަހަރުގެ މިހާތަނަށް މި ސަރުކާރުން ޚަރަދުކުރީ 17.8 ބިލިޔަން ރުފިޔާއެވެ.

 

އެހެންކަމުން 4.4 ބިލިޔަން ރުފިޔާއަށް ދައުލަތުގެ ޚަރަދުތައް މިވަނީ ކުޑަކުރެވިފައި ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކައެވެ.