ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އދގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓެރެސްއާއި ބައްދަލު ކުރައްވައިފިއެވެ.

Ads by Asuru

އދގެ މައި އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މޫސާ ޒަމީރު ވަނީ ރައީސުލްޖުމްހުއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުންވާ ސިޔާސަތުތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މިނިސްޓަރުގެ ވާހަކައިގައި ގައުމުތަކަށް ދެމެހެއްޓެނިވި ތަރައްގީ ގެނައުމުގައި އދގެ ރޯލު ބޮޑުކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްވަނީ ދާދިފަހުން ބޭއްވި އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ދަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް، ސިޑްސްގެ ބައްދަލުވުމުގައި ރާއްޖެއިން އަމިއްލައަށް އިސްނަގައިގެންކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

އަދި މޫސުމީ ބަދަލުތަކާ ހެދި ކުދި ގައުމުތަކަށް ވަމުންދާ ގެއްލުންތަކަށް މާލީ އެހީ ހޯދުމަށް ބައިނަލްއަގްމީ މައިދާނުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ގުޓެރެސް ތައުރީފު ކުރައްވާފައިވެއެވެ.