ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާއިރު ވެސް، އިއްޒުއްދީބް ފާލަން ނުވަތަ ރަސްމީ ފާލަން މަރާމާތު ކުރަން ޖެހޭ ސަބަބު، ކޮންސްޓްރަކްޝަން މިނިސްޓަރު ޑ.އަބްދުﷲ މުއްތަލިބު ވިދާޅުވެދެއްވައިފިއެވެ.

Ads by Asuru

މިނިސްޓަރު ވަނީ، އިއްޒުއްދީން ފާލަން ނުވަތަ ރަސްމީ ފާލަން ރަނގަޅު ފެންވަރަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށާއި އެއީ ދައުލަތަށް އާމްދަނީ ވެސް ލިބޭނެ ކަމެއް ކަމަށް ވިދާޅުވެފައެވެ

މިދިޔަ ސަރުކާރުން ކުރި ހަރަދުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑަށް ވަނީ ލޮޅުން އަރާފައެވެ.

މި ދަނޑިވަޅުގައި ރަސްމީ ފާލަމުގެ ޑިޒައިން ބަދަލު ކުރުމަށް ހަރަދު ކުރުމަކީ ބޭކާރު ކަމެއް ކަމަށް ބުނެ، އާންމުންގެ މީހަކު ކުރި ޕޯސްޓަކަށް ޖަވާބު ދެއްވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވީ، ރަސްމީ ފާލަން މަރާމާތު ނުކޮށް އެތައް އަހަރެއް ވުމުގެ ސަބަބުން ފާލަމުގެ މަތީބައި ހަލާކުވެ ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން އެ ފާލަމުގެ މަތީ ބައި އަލުން ހެދުމަށް ނިންމައި އެމްޓީސީސީ އާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގައި ކަމަށެވެ.

ރަސްމީ ފާލަމަކީ ވަރަށް ގިނަ ރިސޯޓުތަކުން ފީ ދައްކައިގެން ދައުލަތަށް އާމްދަނީ ލިބޭގޮތަށް ބޭނުންކުރާ ފާލަމެއް ކަމަށާއި އެ ފާލަން ރަނގަޅު ފެންވަރަކަށް ހެދުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމީ ފާލަން މަރާމަތު ކުރުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން 11.7 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަސައްކަތެކެވެ.