މިހާރު އޮތް ހާލަތު އުފެއްދީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

Ads by Asuru

ދައުލަތުގެ ދަރަންޏާއި ބެހޭ ބިލަށް ބަހުސް ކުރައްވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޒާން ވިދާޅުވީ ދިވެހި ދައުލަތުގެ ދަރަނި އަތް ނުފޯރާ ފަށަށް ގޮސް، 120 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެސް ދަރަނި ހުރި ވަރު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން 60 ބިލިއަން ރުފިޔާއިން ދަރަނި އިތުރު ކުރިއިރު އާމްދަނީ ވަންނާނެ އިތުރު ކަންތައްތަކެއް އެފައިސާއިން ނުކުރި ކަމަށެވެ. މައިގަނޑު ގޮތެއްގައި ދަރަނިން ކުރި ކަމަކީ ރިކަރަންޓު ހަރަދު އިތުރު ކުރުން ކަމަށް އަޒާން ވިދާޅުވިއެވެ.

ދަރަންޏަށް ނެގި ފައިސާއިން ރަށްރަށުގައި މަޝްރޫއުތައް ހިންގި ނަމަވެސް އޭގެ ސަބަބުން ދައުލަތަށް ފައިސާ އިތުރުވާނެ އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާކަމަށް އަޒާން ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން އަޒާން ފާހަގަކުރެއްވީ ފެނަކައިން އެކި ރަށްރަށުގައި ޒަމާނީ އިންޖީނުގޭގެ ނަމުގައި އިމާރާތްތަކެއް އަޅަން އަސްލު އަގާއި ނުބައްދަލު އަގުތަކެއް ކިޔައި ބަޔަކު މުއްސަނދިވި ކަމެވެ.