އޭލެވެލްގެ ކިޔެވުން ފެށެން ވާއިރަށް، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން(ސީއެޗްއެސްއީ)ގެ އިމާރާތުގައި ކިޔެވުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

Ads by Asuru

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ފުރަމާލެއަކީ ދިވެހިރާއްޖޭގައި އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ ރަށް ކަމަށެވެ.

އެގޮތުން މިހިނގާ 2024 ވަނަ އަހަރު ގްރޭޑް10 ގައި 1700 ދަރިވަރުން މާލޭގައި ކިޔަވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލޭގައި އޭލެވެލަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމަކީ އެކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރަމުންދާ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

”މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މި އަންނަ ސެޕްޓެމްބަރު މަހު އޭލެވެލް ކިޔެވުން ފެށެންވާއިރަށް ކުރީގެ ސީ.އެޗް.އެސް.ސީގެ އިމާރާތުގައި އޭލެވެލް ކިޔެވެމުގެ އިންތިޒާމު ހަމަޖަހިގެން ދާނެވާހަކަ ދަންނަވަމެވެ.“ ‏މިނިސްޓަރު ވިދާޅުވިއެވެ.

މާލޭގައި ސަރުކާރުގެ އޭލެވެލް ސްކޫލެއް ހުޅުވުމުން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ އޭލެވެލް ދަރިވަރުންގެ އަދަދު މަދުވާނެ ކަމަށާއި،ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، އޭލެވެލްގެ ތައުލީމަށް ސަރުކާރުން ކުރާ ހޭދަވެސް މިހާރަށްވުރެ ކުޑަކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކައިރި މުސްތަގުބަލެއްގައި އޭލެވެލް ކިޔަވައިދުމަށް މުޅިން އާއިމާރާތެއް މާލޭގައި ބިނާކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މޭލޭގައި އޭލެވެލް ސްކޫލެއް ހުޅުވުމުގެ ސަބަބުން ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ސީ.އެޗް.އެސް.ސީ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.