އެމްޑީޕީގެ ފާއިތުވި، ފަސް އަހަރުގެ ރިޔާސީ ދައުރު ނިންމައިލީ، ކުންފުނިތަކުގެ ޖުމްލަ ދަރަނި އެކަނިވެސް 98 ބިލިއަން ރުފިޔާއަށް އިތުރު ކޮށްފައި ކަމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެެވެ.

Ads by Asuru
މުނައްވަރު މިކަން ހާމަކުރެއްވީ، ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައެވެ.
އެގޮތުން މުނައްވަރު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ކުންފުނިތައް ހިންގީ އިންތިހާއަށް ހަރަދު ބޮޑުކޮށް ކަމަށާއި، ދައުލަތް މިއަދު އޮތް އުދަނގޫ ހާލަތަށް އައި މައިގަނޑު ސަބަބަކީ ވެސް ކުންފުނިތައް ދަރަނިވެރިކޮށްލަން ދޫކޮށްލުން ކަމަށެވެ.

މުނައްވަރު ވިދާޅުވީ ކުންފުނިތަކުގެ ޖުމްލަ ދަރަންޏާއެކު ރައީސް ސޯލިހްގެ ސަރުކާރު ނިމުނުއިރު މުޅި ދައުލަތުގެ ދަރަނި 200 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކުންފުނިތަކުގެ ހަރަދު ކުޑަނުކޮށް އަދި ހިންގުން ހަރުދަނާ ނުކޮށް ރައީސް ސޯލިހްގެ ސަރުކާރުން ވަނީ ސަބްސިޑީއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި ބޮޑެތި އަދަދުތައް ކުންފުނިތަކަށް ދޫކޮށްފައި ކަމަށެވެ. އެކަމަކު އެ ސަރުކާރުގައި ކުންފުނިތަކަށް ދޫކުރި ފައިސާގެ އެއްވެސް ނަތީޖާއެއް ފެންނަން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

އަދި ރީފޯމާއި ރީސްޓްރަކްޗާ ކުރުމުގައި އެންމެ ބޮޑުއިސްކަމެއް ދޭންޖެހޭ ދާއިރާއަކީ އެއީ ކަމުގައިވެސް ވިދާޅުވިއެވެ.

މުނައްވަރު އިތުރަށް ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުން ދައުލަތުގެ ބަޖެޓުން ކުންފުނިތަކަށް ގާތްގަނޑަކަށް ހަ ބިލިއަން ރުފިޔާއާ ހަމައަށް ގާތްގަނޑަކަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ.