ކޮވިޑް-‏19ގެ ޕެންޑެމިކް އަކީ، ގައުމު ކާލަން، އޭރު ވެރިކަން ކުރި އެމްޑީޕީއަށް ލިބުނު ބޮޑު މާވަހަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ(އައިބީ) ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ ވިދާޅުވީ، ކޮވިޑްގެ އާލަމީ ވަބާގެ ތެރޭގައި، ކޮވިޑް ފެސިލިޓީތަކުގެ އެކި ކަންކަމަށް ހަރަދު ކުރުމުގެ ނަމުގައި، އެމްޑީޕީން އެތައް ކޮރަޕްޝަނެއް ހިންގި ކަމަށެވެ.

”ކޮވިޑޭ ކިޔައިގެން ވާހަކަ ދައްކާއިރު އަޅުގަނޑު ހަމަ ހައިރާންވޭ، ޝިގެއްލާ ވެސް އައި. ކޮލެރާ ވެސް ޖެހުނު މީގެ ކުރިން، މިގޮތަކަށް ގައުމެއް ނުދަރާ.“ އައިބީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދުނިޔެ ދުށް އެތައް ހަނގުރާމަތަކެއް ވެސް ރާއްޖެ ދެކެފައިވާ ކަމަށާއި، އެ ހާލަތުގައިވެސް ގައުމު މިވަރަށް ދަރަނިވެރި ވެފައި ނުވާ ކަމުގައެވެ.

”މިހާރު ދުނިޔޭގެ އެކި ތަންތަނުގައި ހިނގާ ހުރިހާ ހަނގުރާމައެއްގެ ތެރޭގައި ވެސް، ރާއްޖެ އޮތް އޭރު.“ އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ޕެންޑެމިކް ތެރޭގައި ހިންގި ކޮރަޕްޝަންގެ އަމަލުތަކުގެ ތެރެއިން، އެންމެ ފާހަގަކޮށްލެވެނީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ގަންނަން ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައެވެ.

މީގެ އިތުރުން، އޮޑިޓް އޮފީހުން ނެރުއްވާފައިވާ ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ މިނިސްޓްރީ އިން ކޮވިޑާއި ގުޅިގެން ޖުމްލަ 26 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އޭގެ ތެރެއިން 99 ޕަސަންޓު ހަރަދަކީ މިނިސްޓްރީގެ ތެރެއިން ކޮންމެހެން ހިނގަން ޖެހޭ ހަރަދުތަކެއް ނޫން ކަމަށް ވަނީ ބުނެފައެވެ.