ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން، އިޓަލީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޑެމިއާނޯ ފްރެންކޮވިގް އާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަޝްވަރާ ކުރައްވައިފިއެވެ.

Ads by Asuru

އިޓަލީގެ އައު ސަފީރަށް މަޤާމުގެ ފަތްކޮޅު އެރުވީ މިއަދުއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

އިޓަލީގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަން ކުރިއެރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރި ވުމަށް އެކުގައި މަސައްކަތް ކުރުމާއި، މެރިން ރިސާރޗް އިތުރަށް ފުޅާކުރުމާއި، ސިއްޙީ ދާއިރާއިން ގުޅުން ބަދަހި ކުރުން ހިމެނެއެވެ.

ދިވެހިރާއްޖެއާ އިޓަލީއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1966 ވަނަ އަހަރުގައެވެ.

އިޓަލީއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި ސަފީރު ކަނޑައަޅުއްވާފައި ވަނީ ނަން ރެސިޑެންޓް ސަފީރެއްގެ ގޮތުގައެވެ.