މަސްވެރިންނަށް ފައިސާ ލިބުން ލަސް ވުމުން، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް(އޭއެފްސީ) ސަރަހައްދުގައި 10 ދުވަސް ވަންދެން ކުރި މުޒާހަރާގައި، އޭއެފްސީގެ މުވައްޒަފުން ދެއްކީ އާދަޔާ ހިލާފު ހިތްވަރެއް ކަމަށް މިފްކޯއިން ބުނެފިއެވެ.

Ads by Asuru

ޖޫން މަހުގެ 21 ވީ ހުކުރު ދުވަހުގެ 15:19 ގައި އޭއެފްސީ ސަރަހައްދުގައި 15 ވަރަކަށް މަސް ދޯންޏަށް ނިސްބަތްވާ މަސްވެރިންތަކެއް ފެށި މުޒާހަރާ ނިންމާލީ ޖުލައި މަހުގެ 1 ވަނަ ދުވަހު އެމީހުން ނިސްބަތްވާ ދޯނިފަހަރުގެ ވެރީންނަށް އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ފައިސާ ޖަމާވާން ފެށުމުންނެވެ.

މިފްކޯ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، މި މުޒާހަރާގެ ފުރަތަމަ ދުވަހު ކަން ހިނގައިދިޔަގޮތަށް ބަލާއިރު، އޭއެފްސީގައި މަސައްކަތް ކުރާ 125 އެއްހާ މުވައްޒަފުންގެ ވަޒީފާގެ މާހައުލު ގެއްލި، އިންސާނީ ޒަރޫރީ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކެއިން ބުއިމާއި، ގަޟާ ހާޖާ ކުރުމާއި، ނިދުން ފަދަ އެތަކެއް އަސާސީ ހައްގުތައް ހަނިވެގެންދިޔަކަމަށެވެ.

މުޒާހަރާގެ ބައިވެރިންގެ ބިރު ދެއްކުމުގެ ތެރެއިން ކުންފުންޏަށް ޖެހުނީ ހުރިހާ މުވައްޒަފުން ވަގުތީ އެކޮމޮޑޭޝަނަކަށް ބަދަލުކޮށް، ނިދުމާއި، ފާހާނާ ކުރުމާއި، ކެއިން ބުއިމާއި އެނޫންވެސް ޒަރޫރީ ކަންކަން ހަމަޖައްސަން ކަމަށާއި އޭއެފްސީގައި އިސްކޮށް މަސައްކަތް ކުރާ 7 ސީނިއާ މުވައްޒަފުންނަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ކުރިމަތިވަމުންދިޔަ ދުއްތުރާތަކުގެ ސަބަބުން މުޅި އޮޕަރޭޝަން ހުއްޓި، އޭފްސީން ކަރަންޓު ކަނޑާލަން ކަމަށް ވެސް ބުންޏެވެ.

އެވަގުތު އެ ފެސިލިޓީގައި ރައްކާކޮށްފައި ހުރި މަހުގެ ޓަނޭޖުގެ އަދަދު 390 އާ ގާތްކުރާނެ ކަމަށް މިފްކޯއިން ބުނެއެވެ.

އެ ކުންފުނިން ބުނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އޭއެފްސީ ”ފުލް ޝަޓްޑައުން“ އަކަށް ގެންދިޔުމަށްފަހު، މުވައްޒަފުން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަރުހަލާގެ ތެރެއިން މުޒާހަރާގެ ބައިވެރިން ވަނީ މުވައްޒަފުންގެ މެސް ރޫމުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، ކައިބޮއި ހަދާފައި ކަމަށެވެ.

އަދި މިފްކޯގެ ދިދަ ޕޯސްޓަށް ނަގާފައިވާ ދިދަ ބޭލުމަށްފަހު ތަން ހިސާރުކޮށް، އޭއެފްސީގެ ފަހަތުން ވަންނަ ދޮރުވެސް ބަންދުކުރި ކަމަށް މިފްކޯއިން ބުންޏެވެ.

”މުޒާހަރާގެ ބައިވެރިންގެ ބިރުދެއްކުމާއި އިންޒާރުތައް އިތުރުވެ، އެއްވެސް ކަމަކަށް ދޫ ނުދީ، ސީނިއާ މުވައްޒަފުންނާ ކުރިމަތިކުރުވި ހާލަތުގެ ސަބަބުން އެމީހުނަށް ޖެހުނީ ފުލުހުންގެ ހިމާޔަތް ހޯދާށެވެ. މީގެ އިތުރުން ހަމަނުޖެހުން ބޮޑުވެ، އޭފްސީގެ މުވައްޒަފަކަށްވެސް ވަނީ އަނިޔާވެފައެވެ.“ މިފްކޯ އިން ބުންޏެވެ.

މިފްކޯއިން ބުނީ، އޭއެފްސީ އަށާއި މުވައްޒަފުންނަށް ކޮންމެ ގެއްލުމެއް ވިޔަސް ވަރިހަމަ ކަމުގެ ބިރުވެރި ހާލަތަކަށް މުޒާހަރާގެ ބައިވެރިން މުޅި ސަރަހައްދު ބަދަލު ކޮށްލި ވަގުތު، އެތަނުގެ މުވައްޒަފުންގެ ކިބައިން ފެނިގެންދިޔައީ ކެތްތެރިކަމާއި، ހިކުމަތްތެރިކަން ކަމުގައެވެ. ހާއްސަކޮށް އަމިއްލަ އިސްނެގުމުގެ މައްޗަށް މުޅި އޭފްސީގެ މުވައްޒަފުންގެ ހައްގުގައި އެތަނުގައި އިސްކޮށް މަސައްކަތް ކުރާ މުވައްޒަފުން ވަނީ ކަންކަން ތަރުތީބުކޮށް، އެހެނިހެން މުވައްޒަފުންގެ ކަންކަން ގާތުން ބަލައި، އެ ނުރައްކާތެރި ހާލަތުގައިވެސް ފެސިލިޓީގެ ބޭރުން ފުލުހުންނާއި ގުޅިގެން ހާލަތު ހަންމަތަކުރުމަށާއި، މަސްވެރިންނާއި އެކި ފަހަރު މަތިން ”ކެރިގެން“ މުއާމަލާތް ކޮށްފައި ކަމަށާއި އެއީ  އެ  ކުންފުނިން ފަހުރުވެރިކަމާއެކު ފާހަގަކުރާ ކަމެއް ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

ހާސްކަމާއި، ބިރުވެރިކަމުގެ ތެރޭގައި އަމިއްލަ މަސްލަހަތަށްވުރެ މުޅި ކުންފުންޏާއި، ކުންފުނީގެ މުދަލާއި މުވައްޒަފުންގެ މަސްލަހަތު އިސްކޮށް، އަމިއްލަ އިސް ނެގުމަށް، އިސްވެ ހާލަތު ބުނެދިނުމާއި، މުޒާހަރާގެ ބައިވެރިންނާއި މުއާމަލާތް ކުރުމާއި، ފެސިލިޓީ ބެލެހެއްޓުމާއި، މެނޭޖުމެންޓާއި ގުޅިގެން މުޅި ހާލަތު މެނޭޖުކުރުމުގައި އޭފްސީގެ މުވައްޒަފުންގެ ފަރާތުން ފެނުނީ އާދަޔާ ހިލާފް ހިތްވަރެއް ކަމަށާއި، ހާއްސަކޮށް ފުލުހުންނާއި މުއާމަލާތް ކޮށްގެން ހާލަތު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުނީވެސް އެ މުވައްޒަފުންގެ މިންނެތް މަސައްކަތުންކަން މިފްކޯއިން ފާހަގަކުރެއެވެ.

”އެހެން ކަމުން މި ފުރުސަތުގައި އޭފްސީގެ މުވައްޒަފުންގެ އަގު ވަޒަންކޮށް، މުޅި ސިނާއަތުގެ ހައްގުގައި 10 ދުވަސް ވާންދެން އެ މުވައްޒަފުން ކުރި ބުރަ މަސައްކަތް މި ކުންފުނިން ފާހަގަކުރަމެވެ. ވަކިން ހާއްސަކޮށް ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން މިފްކޯއިން އަބަދުވެސް ފާހަގަކުރަމެވެ. ”‏

މިފްކޯއިން ބުނީ، އޭއެފްސީގެ އޮޕަރޭޝަން މިއަދުން ފެށިގެން ކުރިއަށް ދާއިރު، ވޭތުވެދިޔަ 10 ދުވަހުގެ މުޒާހަރާ އާއި ގުޅިގެން އޭއެފްސީ އަށާއި، ކުންފުންޏަށް ލިބުނު ގެއްލުން ދެނެގަތުމަށް އެސްސްމެންޓެއް ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށާއި، އެކަމުގެ ތަފްސީލް ރިޕޯޓު ނިމުނުހާ އަވަހަކަށް ހާމަކުރާނެ ކަމަށެވެ.