ސަމޯއާ އެއްބަސްވުމުގައި ހުރި ދިނާއި ގާނޫނު އަސާސީއާ ހިލާފު ކަންތައްތަކަށް ރާއްޖެއިން އަމަލު ނުކުރާނެ ކަމަށް ދިވެހި ސަރުކާރުން ހާމަ ކުރައްވައިފިއެވެ.

Ads by Asuru
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެ ޖަމުޢިއްޔާގެ މެމްބަރު ގައުމުތަކާއި އޯގަނައިޒޭޝަން އޮފް ދަ އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ މެމްބަރު ގައުމުތަކުގެ މެދުގައި އެކުލަވާލައިފައިވާ މި އެއްބަަސްވުމުގައި ރާއްޖެއިން ސޮއިކުރީ އިއްޔެއެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯޓްކްސްޕާސަން، ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަމޯއާ އެގްރީމެންޓްގައި ރާއްޖެއިން ސޮއިކޮށްފައިވަނީ އިސްލާމްދީނާ، އަދި ރާއްޖޭގެ ގާނޫނު އަސާސީއާ ފުށުއަރާ މާއްދާތަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައި ކަމަށެވެ.

އެގޮތުން ޖުމްލަ 12 މާއްދާއަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައިވާނެ ކަމަށް ހީނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވީ، މީގެ ކުރިންވެސް ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައި ސޮއިކޮށްފައިވަނީ މިފަދަ މާއްދާތަކަށް ރެޒަވޭޝަން ހުށަހެޅުމަށްފަހު ކަމަށެވެ.

އިސްލާމްދީނާ، ރާއްޖޭގެ ގާނޫނު އަސާސީއާ ފުށުއަރާ އެއްވެސް ކަމަކަށް މި ސަރުކާރުން ފުރުސަތުނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް ހީނާ ވިދާޅުވިއެވެ.

”ސަމޯއާ އެގްރީމަންޓް“ އަކީ ކުރިއަށް އޮތް ވިހި އަހަރަށް އީޔޫ-އޯއޭސީޕީއެސް ގުޅުމުގެ މައިގަނޑު ހަ ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ.