ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެލަވެންސާއި މުސާރަ ކުޑަކުރުމާއި ދެކޮޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ads by Asuru
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަަރަކުން އިތުރުވަމުންދާތީ، މި ދައުރުގެ މަޖިލިސް މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ، މަޖިލީހަށް މެންބަރުން އިތުރުވެގެން ދާ ދިޔުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.
މިދިޔަ 19 ވަނަ މަޖިލީހަށް ވެސް މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ގަރާރެއް ހުށަހެޅުއްވި ކަމަށާއި ނަމަވެސް އޭރުގެ ސުޕާ މެޖޯރިޓީއިން މައްސަލަ ބޭރުކޮށްލީކަން ގާސިމް ފާހަގަކުރެއްވިއެވެ.

ގާސިމް ވަނީ މެމްބަރުންގެ މުސާރައާއި އިނާޔަތް ކުޑަކުރަން ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މަޖިލިސް މެންބަރުންނަށް ލިވިން އެލަވެންސްއެއްގެ ގޮތުގައ ލިބޭ 20،000 ރުފިޔާއިން ހަރަދުތައް ހަމަނުޖެއްސޭނެ ކަމަށެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައި ބުނަނީ ރާއްޖޭގައި ވެރިކަން ހިނގަނީ ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން ފެޑަރަލް ދައުލަތްތަކުގައި ކަންތައްތައް ހިންގާ އުސޫލުން ރާއްޖޭގައި ކަންކަން ނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.