ހުޅުމާލެ ފޭސް ދޭއްގައި ނުރައްކާތެރި ދެ އެކްސިޑެންޓު މިއަދު ހިނގައިފިއެވެ.

Ads by Asuru

ފުރަތަމަ އެކްސިޑެންޓު ހިނގީ، ކާރަކާ ސައިކަލެއް ޖެހިގެންނެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓު ހިނގީ، ހިޔާ ޓަވަރު 5 ކައިރީގައި، ސައިކަލު ކޮންޓްރޯލް ނުވެ ގޮސް، ކާރުގައި ޖެހިގެން ކަމަށެވެ. މިއަދު ހެނދުނު، 8:13 ހާއިރު، ފުލުހުންނަށް ރިޕޯޓު ކުރި މި އެކްސިޑެންޓުގައި އަނިޔާވީ، ސައިކަލު ދުއްވި 19 އަހަރުގެ ފިރިހެން ކުއްޖާއަށެވެ. އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، ހާލު ވެސް ސީރިއަސްއެވެ. އޭނާ އަތުގައި ސައިކަލު ދުއްވުމުގެ ލައިސެންސް ނެތެވެ.

ދެވަނަ އެކްސިޑެންޓު އާހިޔާ ގޮފި ކައިރީގައި، ދެ ސައިކަލެއް ޖެހިގެންނެވެ. 9:45 ގައި ރިޕޯޓު ކުރި މި އެކްސިޑެންޓުގައި އުމުރުން 21 އަހަރުގެ ފިރިހެނަކާއި، 33 އަހަރުގެ އަންހެނަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. ސައިކަލު ދުއްވި 21 އަހަރުގެ މީހާގެ އަތުގައި ވެސް ލައިސެންސް ނެތެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.