މި ކުޑަ ކުޑަ ރާއްޖޭގައިވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ އަދަދު އަންނަނީ އަތުފަތު ނުޖެހޭހާ ހަލުވި މިނުގައި އިތުރުވަމުންނެވެ.

Ads by Asuru

ބާރުގަދަ މަސްތުވާތަކެތި ނުހަނު ފަސޭހަކަމާއެކު ލިބެން ހުންނައިރު، ޒުވާން ކުޑަ ކުދިންނާ އަންހެނުންވެސް ދަނީ މި ނުރައްކާތެރި ވަބާއަށް ހުށަހެޅެމުންނެވެ. އަންހެނުން މަސްތުވާތަކެތީގެ ވަބާގައި ޖެހުމުން، ބަނޑުގައި އޮންނަ ތުއްތު ކުއްޖާއަށްވެސް ވަރަށް ބޮޑަށް އަސަރު ކުރެއެވެ.

ތިރީގައިވާ ވީޑިއޯ އަކީ މެޑިކަލް ޕްރެކްޓިޝަނަރ ނުސައިބާ ފާރޫގު ހަސަން، ޓްވިޓަރގައި ހިއްސާ ކުރެއްވި ވީޑިއޯއެކެވެ.

އެވީޑިއޯގައި ފެންނަނީ އަލަށް އުފަންވާ ތުއްތު ކުދިންނަށް އަވަސް ފަރުވާ ދިނުމަށް، އެކުދިން ބާއްވާ އެންއައިސީޔޫގައި އޮތް ތުއްތު ކުއްޖަކު ވޭނުގައި ރޮއެ، ކުކުރާ މަންޒަރެވެ. އެކުއްޖާ ދުނިޔެއަށް ނޭވާލުމާއެކު ތަހައްމަލު ކުރަމުންދާ އެވޭނުގެ އަސްލަކީ އޭނާގެ މައިމީހާއެވެ. މައިމީހާ މަސްތުވާތަކެތި ބޭނުން ކުރުމެވެ.

މި ވީޑިއޯ ހިއްސާ ކުރައްވައި ނުސައިބާ ވިދާޅުވީ އެންއައިސީޔޫގައި ތިބި ކޮންމެ 18 ކުއްޖެއްގެ ތެރެއިން ތިން ކުއްޖަކު، މައިމީހާ މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން އުފުލަން ޖެހޭ ވޭން އުފުލަމުން އަންނަ ކަމަށެވެ. އެކުދިންނަށް ޖެހިފައިވަނީ ”ނިއޮނޭޓަލް އެބްސްޓިނެންސް ސިންޑްރޯމް“އެވެ.

މި ސިންޑްރޯމް އަކީ ބަނޑުގައި ތުއްތު ދަރިފުޅު ހެދިބޮޑުވަމުން އަންނައިރު، މަންމަ ބާރުގަދަ ”ޑްރަގް“އެއް ބޭނުން ކުރުމުގެ ނަތީޖާއެވެ. ނުސައިބާ ވިދާޅުވީ މި ސިންޑްރޯމް ޖެހޭ ކުދިންގެ އަދަދު، ރާއްޖޭގައި ހީކުރާ ވަރަށްވުރެވެސް ގިނަ ކަމަށެވެ.

”ކާކު ނުދައްކާ ވާހަކަ ދައްކާނީ؟ ކާކު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މާބަނޑު މީހުންނަށް ފަރުވާ ދިނުމުގައި ހުރި ހުރަސްތައް ނައްތާލާނީ؟“

ނިއޮނޭޓަލް އެބްސްޓިނެންސް ސިންޑްރޯމްގެ އަލާމާތްތަކުގެ ތެރޭގައި ކުއްޖާ ތުރުތުރު އެޅުމާއި، ގަަދަޔަށް ރުއިމާއި، ނުނިދުމާއި، ހުން އައުމާއި، ދާހިއްލުމުގެ އިތުރުން ގާތުން ނުބުއިމާއި، ފިޓް ޖެހުން ފަދަ ކަންކަން ހިމެނެއެވެ.