”އަބަދުވެސް ގަދަ 10 އެއީ އަޅުގަނޑުގެ އަމާޒު.“

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން ގަދަ 10ގެ އެއްވަނައިގައި ހިމެނުނު މުހައްމަދު އަބާން އޭނާގެ ކާމިޔާބީގެ ވާހަކަ ފެށީ މިހެންނެވެ.

Ads by Asuru

ދ.ކުޑަހުވަދޫއަށް އުފަން، ދ.ހުޅުދެލީ, ހިޔާ, މުހައްމަދު އަބާން ބުނީ ކާމިޔާބީއެއް ހޯދުމަށް އޭނާ އަބަދުވެސް ހިތުލައިގެން ހުރި ކަމަށެވެ. އަބާންގެ ކާމިޔާބީގެ ވާހަކަ މި ހިއްސާ ކުރަނީ، ތައުލީމީ ހަޔާތުގެ އެންމެ އުހަށް މިސްރާބު ޖަހާފައި ތިބި އެހެން ކުދިންނަށް، މިވާހަކައިން ހިތްވަރާއި އިތުރު އަޒުމެއް ލިބިގެން ދިޔުމުގެ އުއްމީދުގައެވެ.

ރާއްޖޭގެ ތާރީހުގައިވެސް ކާމިޔާބު އަހަރެއް:

ދިވެހިރާއްޖޭގެ ތާރީހުގައިވެސް، އޯލެވެލް އަދި އޭލެވެލް ހެދި ދަރިވަރުންގެ ތެރެއިން، އެންމެ ގިނަ ދަރިވަރުން ގަދަ 10ގައި ހިމެނުނީ މިދިޔަ އަހަރުއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ އަހަރު އޯ ލެވެލް އިމްތިހާނު ހެދި 5،955 ދަރިވަރުންގެ ތެރެއިން 757 ދަރިވަރުން ގަދަ 10ގައި ހިމެނިފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ނަތީޖާއެއް ނެރުނު ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ހިރިޔާ ސްކޫލްގެ 30 ދަރިވަރުން ގަދަ ދިހައެއްގައި ހިމެނުނުއިރު، އަބާން އަކީ އެއްވަނަ ހޯދި ތިން ދަރިވަރުންގެ ތެރެއިން ނަމޫނާ ދަރިވަރެކެވެ.

އޭނާ ހިރިޔާ ސްކޫލާ ގުޅުނީ ހަތަރުވަނަ ގްރޭޑުންނެވެ. ކޮންމެ ގްރޭޑަކުންވެސް އަބާން ހޯދަމުން އައީ ފަހުރުވެރި އެއްވަނައެވެ. އަބާން އަކީ މިދިޔަ އަހަރު، މުޅި ސްކޫލުން ތިންވަނަ ހޯދި ދަރިވަރުވެސްމެއެވެ.

ޓިއުޝަނެއް ނުނަގާ:

ޓިއުޝަނަށް ވަރަށް ގިނަ ބެލެނިވެރިން ގިނަ ހަރަދުތަކެއް ކުރެއެވެ. ނަމަވެސް އަބާންގެ ތަޖުރިބާ ތަފާތެވެ. ކިޔެވުމަށް އަބަދުވެސް ބެހެއްޓި ޝައުގުވެރިކަމާއެކު، އޭނާ ފިލާވަޅުތައް ދަސްކުރަމުން ދިޔައީ އަމިއްލައަށެވެ. ނޭނގޭ އެއްޗެއް އޮވެއްޖެނަމަ، މުދައްރިސުން ކައިރީގައި އަހައިގެންނެވެ. ގުޅާލި ކޮންމެ ވަގުތަކު، މުދައްރިސުންގެ އެހީތެރިކަން ލިބުުނުކަން، އަބާން ޝުކުރުވެރިކަމާއެކުގައި ފާހަގަކުރިއެވެ.

އަބާން ބުނީ އޭނާއަށް ލިބުނު ކާމިޔާބީގެ ފަހަތުގައި ތިބީ އާއިލާއާއި މުދައްރިސުން ކަމަށެވެ. މަންމަ އާއި ބައްޕައާއި ދޮންތަގެ ފުރިހަމަ އެއްބާރުލުމާއި، ފޫހިކަމެއް ނެތި މުދައްރިސުން ނޭނގޭ އެއްޗެއް ބުނެދޭން ތައްޔާރަށް ތިބި ތިބުމެެވެ.

އަބާން، އޭނާގެ ބައްޕައާއެކުގައި–

ދަރިވަރުންނަށް އަބާންގެ މެސެޖު:

އަބާން ހޯދި ފަދަ ފަހުރުވެރި ނަތީޖާއެއް ހާސިލު ކުރަން ބޭނުންވާ ކުދިންނަށް އޭނާގެ އޮތީ އެންމެ މެސެޖެކެވެ.

”ފަހުން ދަސްކުރަން ނުހުރެ، އަބަދުވެސް ތައްޔާރުވަމުން ދިޔުމޭ މުހިންމީ“

އަބާން ބުނީ އޯލެވެލް ހަދާ އަހަރުގައި ކިޔަވަން މަޑުނުކޮށް، ސާނަވީ ގްރޭޑްތަކުގައި ކިޔަވަން ފެށުމާއެކު، ފައިނަލް އިމްތިހާނަށް ތައްޔާރުވާން ފެށުމުން، އޭނާ ހޯދި ނަތީޖާ ހާސިލު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމުގައެވެ.

އަމާޒަކީ ރައީސްގެ ސްކޮލަރޝިޕް:

އަބާން ކުރިއަށްދާނެ ވަކި ދާއިރާއެއް އަދި ނިންމާފައި ނުވާއިރު، ގްރޭޑް 12 ނިމުމުގެ ކުރިން ވަކި ދާއިރާއެއް އިހްތިޔާރު ކުރާނެ ކަމަށް އޭނާ ބުނެއެވެ. އޯލެވެލް ޓޮޕް10އާއެކު ހަމަޖެހިލާކަށް އަބާން ގަސްތެއް ނުކުރެއެވެ. އޭނާގެ އަމާޒަކީ ބުރަ މަސައްކަތާއެކު، އޭލެވެލްގައިވެސް ފަހުުވެރި އެއްވަނަ ހާސިލުކޮށް، ރައީސްގެ ސްކޮލަރޝިޕް ހޯދުމެވެ.

އަސުރުއޮންލައިނުން އެދެނީ އަބާނަށް ކުރިއަށް އޮތް ތަނުގައިވެސް ކާމިޔާބީ މިންވަރު ކުރެއްވުމެވެ.