ތިޔައީ މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރަށަކަށް ނިސްބަތްވާ މީހަކު ނަމަ، ސުވާލެއް އެބައޮތެވެ.

Ads by Asuru

މާލެ އައީ ކީއްކުރަން ހެއްޔެވެ؟ ކޮންކަމެއް ހާސިލު ކުރަންހެއްޔެވެ؟ އުފަން ރަށުގައި އުޅެން ބޭނުން ނުވަނީ ހެއްޔެވެ؟ މި ސުވާލުތައް އުފައްދަން މި ޖެހުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އަތޮޅުތެރެއިން މާލެއަށް ހިޖުރަ ކުރާ މީހުންނާ ގުޅޭގޮތުން ދާދި ފަހުން ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

އެމަނިކުފާނު ވިދާޅުވީ، ރަށްރަށުގައި އުޅޭ މީހުންނަށް، ރަށްފުށުގެ ދިރިއުޅުން ކަމު ނުދަނީ ކަމަށެވެ. އަދި އެ ރަށްރަށުގެ މީހުން މާލެ އަންނަނީ މުނިފޫހި ފިލުވުމުގެ ބޭނުމުގައި ކަމަށެވެ.

”ހިތްތަކުގެ ރައީސް“ މިހެން ވިދާޅުވުމާއެކު، އެމަނިކުފާނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެެ. މާލެ އައީ ރަށްފުށުގެ ހަމަހިމޭން ދިރިއުޅުމަށް ލޯބި ނުކުރާތީ ނޫން ކަމަށާއި، ތައުލީމާއި، ސިއްހީ ހިދުމަތާއި، ވަޒީފާގެ އިތުރުންވެސް، ރަށުން ނުލިބޭ ގިނަ އަސާސީ ހިދުމަތްތައް ހޯދުމަށް ކަމަށް ރައީސް ނަޝީދަށް ރައްދު ދިން ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު، އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ މާލެ ވަޑައިގެންނެވީ އުމުރުން 16 އަހަރު ފުރުނު ފަހުން ކަމުގައެވެ. އަދި އޭރު އެއްވެސް ވަރަކަށް އިނގެރޭސި ނޭނގޭތީ، ވަންނަން ޖެހުނީ އެމްއީއެސްގެ ގްރޭޑް 6އަށް ކަަމަށްވެސް ވިދާޅުވިއެވެ.

”މާލެ އައީކީ، ރަށުގައި މަޖާ ކުރަން، ކުރާނެ ކަމެއް ނެތިގެނެއް ނޫން.“ އަލީ ހުސެއިން ވިދާޅުވިއެވެ.

އޭނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލެއަށްވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅު ރަށެއް، ނުވަތަ ރަށްތަކެއް ތަރައްގީ ކޮށްގެން ނޫނީ، ދުވަހަކުވެސް މީހުން މާލެ އައުން ނުހުއްޓުވޭނެ ކަމަށެވެ.

މެމްބަރު އަލީ ހުސެއިނެކޭ އެއްފަދައިން، އެތައް ބަޔަކު ދަނީ އެމީހުން މާލެއަށް ދިރިއުޅުން ބަދަލު ކުރީ ”މަޖާކުރަން“ ނޫން ކަަމަށް ބުނަމުންނެވެ.

އަދި ތޮއްޖެހިފައިވާ މާލޭގައި، ބޮޑު ކުލި ދައްކައިގެން، ކުލީގެ އަޅުންގެ ގޮތުގައި އުޅުމަށްވުރެ، ރަށުގެ ހިތްފަސޭހަ މާހައުލުގައި އަމިއްލަ ގޭގައި އުޅެން މާބޮޑަށް ބޭނުން ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ރައީސް ނަޝީދަށް އެނގިވަޑައިނުގެންނެވި ހަގީގަތަކީ މިއެވެ. އަތޮޅުތެރޭގެ ރަށްރަށުގައި އޯލެވެލް ފެންވަރަށް ކިޔެވުނަސް، މަތީ ތައުލީމު ހާސިލު ކުރެވޭނެ ގޮތެއް ނެތެވެ. ސިއްހީ މަރުކަޒުތަކުން، ގިނަ ބަލި ތަކަށް ދެނީ ޕެނެޑޯލެވެ. އެނޫން ބޭހެއް ގިނަ ފަހަރު ރަށްރަށުގެ ބޭސް ފިހާރަތަކުން ލިބޭކަށް ނުހުރެއެވެ. ގައިގައި މުލިއްސެއް ނެގިއަސް، އެ ނަގަންވެސް އަންނަން ޖެހެނީ ހަމަ މާލެއަށެވެ. މިވަރުން ރަށުގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟